Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ރަންސްވިމް ކުޑަކުދިންގެ އިވެންޓު ނިމި، ބޮޑެތި މީހުންގެ އިވެންޓު މެންދުރުފަހު!

ރަން ސުވިމް އިވެންޓުގައި ކުއްޖަކު ދުވަނީ، ފޮޓޯ: މުހައްމްދު އާރިފް

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން(އެމްއެލްއޭ) އިން އިންތިޒާމް ކޮށްގެން ބާއްވާ ރަންސްވިމް އިވެންޓުގެ 6 އަހަރުން ދަށާއި، 8 އަހަރުން ދަށާއި 10 އަހަރުން ދަށުގެ ކުދިންގެ އިވެންޓު މިއަދު ހެނދުނު ނިންމާލައިފިއެވެ.

ހިތަދޫ ފަތާ ޓްރެކުން ފެށިގެން ލިންކު ރޯޑުގައި ވަކި މިންވަރަކަށް ދުވުމަށް ފަހު އެނބުރި ފަތާ ޓްރެކާ ހަމައަށް އައިސް، މޫދުގައި ވަކި މިންވަރަކަށް ފެތުމަށް ފަހު ނިންމާލާ ރޭހުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު މި އިވެންޓުގެ ދެވަނަ ސެޝަން މިއަދު މެންދުރު ފަހު 14:30 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ރަން ސުވިމް އިވެންޓުގައި ކުއްޖަކު ދުވަނީ، ފޮޓޯ: މުހައްމްދު އާރިފް

މެންދުރު ފަހު ސެޝަންގައި ދުވުމަށް ހަމަޖެހިފައިވަނީ 12، 14 އަދި 16 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން ބޮޑެތި މީހުންގެ މާސްޓަރ ލެވެލް 1 އަދި 2ގެ އިވެންޓު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.


އެމްއެެލްއޭއިން ބުނީ މި އިވެންޓުގެ ހެނދުނު ސެޝަންގައި ބައިވެރިވި ކުދިންނަށް ޕާޓްނަރުން ނެގުނު ނަމަވެސް. މިއަދު މެންދުރު ފަހު ބާއްވާ އިވެންޓުގައި 12، 14 އަދި 16 އަހަރުން ދަށުގެ ކުދިންނަށް ޕާޓްނަރަކު ބައިވެރިނުކުރެވޭނެއެވެ.

އެމްއެލްއޭއިިން ބުނީ 12، 14 އަދި 16 އަހަރުން ދަށުގެ މިއުމުރުފުރާގައި ދުވަން ޖެހެނީ 3 ކިލޯމީޓަރުގެ ދުވުމެކެވެ. އެއަށްފަހު 1.5 ކިލޯ މީޓަރަށް ފެތުމުން ރޭސް ނިމުނީއެވެ. ނުވަތަ 2 ކިލޯމީޓަރުގެ ދުވުން ނިންމާލުމަށް ފަހު 4 ކިލޯމީޓަރަށް ފެތުމުން ވެސް ރޭސް ނިމޭނެއެވެ.

ރަން ސުވިމް އިވެންޓުގައި ކުއްޖަކު ދުވަނީ، ފޮޓޯ: މުހައްމްދު އާރިފް

ބޮޑެތި މީހުންނަށް ހާއްސަ މާސްޓާ ލެވެލް އެކެއްގައި 5 ކިލޯމީޓަރުގެ ދުވުމަކަށް ފަހު 1 ކިލޯ މީޓަރަށް ފަތަން ޖެހެއެވެ. މާސްޓާ ލެވެލް ދޭއްގައި ތިން ކިލޯމީޓަރު ދުވުމަށް ފަހު ތިން ކިލޯމީޓަރު ފަތަން ވެސް ޖެހެއެވެ. މާސްޓާ ލެވެލްގައި ވެސް ޕާޓްނަރަކާ އެކު ދުވުމުގެ ފުރުސަތު އޮންނާނެއެވެ. މިލެވެލްގައި ވެސް ފެތުންތެރިޔާއަށް ފެތޭނީ ދުވުންތެރިޔާ ރޭސް ނިންމާލުމުންނެވެ.

އައްޑޫ ސިޓީ ކައުންސިލާއި، އުރީދޫ އަދި ޕެބްލްސްއިންގެ އިތުރުން އައިރަނާސް، އީހަބް، ކްލެސީ މިސީ، ޑިސްކަވާ އައްޑޫގެ އިތުރުން ކޮންޓްރޯލްޕީ، ހަނީބީ އަދި ވިއްޓޭ ފޮޓޯގްރަފީ އަދި އައްޑޫނޭޗަރ ޕާކްގެ އެހީތެރިކަމާއި އެކު ކުރިއަށްގެންދާ މި އިވެންޓަކީ ފެތުމާއި ދުވުން ހިމެނިގެން ގިނަ އަދަދެއްގެ ބައިވެރިވާ އައްޑޫގެ ފުރަތަމަ އިވެންޓެވެ. މި އިވެންޓު މިއަދު ހެނދުނު ކުރިއަށްދިޔައިރު އެ ބައިވެރިންނަށް ސަޕޯޓްދިނުމަށާއި، ބަލާލުމަށް ގިނަ ބަޔަކު ދިޔަކަން ފާހަގަ ކުރެވެއެވެ.