Last Updated: April 24, 06:35
Wednesday, April 24, 2024
ޚަބަރު

ރަން ސްވިމް ފޯރިގަދަކޮށް ނިންމާލައިފި

ރަން ސްވިމް އިވެންޓުގައި ބައިވެރިން ދުވަނީ، ފޮޓޯ؛ މުހައްމަދު އާރިފު

މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން( އެމްއެލްއޭ) އިން އިންތިޒާމް ކޮށްގެން މިއަދު ހިތަދޫގައި ބޭއްވި ރަންސްވިމް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

ދެ ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ރަން ސްވިމް އިވެންޓުގައި 165 ފަރާތަކުން ވަނީ ބައިވެރިވެފައެެވެ.

މިއަދުގެ އިވެންޓުގައި ހެނދުނު ކުރިއަށް ގެންދިޔައީ 6 އަހަރުން ދަށާއި، 8 އަހަރުން ދަށާއި 10 އަހަރުން ދަށުގެ ކުދިންގެ އިވެންޓެވެ. މެންދުރު ފަހުގެ އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ 12 އަހަރާއި ، 14 އަހަރު އަދި 16 އަހަރުން ދަށުގެ އުމުރު ފުރާގެ އިތުރުން ބޮޑެތި މީހުންގެ މާސްޓަރ ލެވެލް 1 އަދި 2އަށެވެ.

ރަން ސްވިމް އިވެންޓުގެ ބައިވެރިން، ފޮޓޯ؛ މުހައްމަދު އާރިފު

ރަން ސްވިމް އިންތިޒާމް ކުރި އެމްއެލްއޭއިން ބުނީ މި އިވެންޓަކީ ހިތަދޫ ފަތާ ޓްރެކުން ފެށިގެން ލިންކު ރޯޑުގައި ވަކި މިންވަރަކަށް ދުވުމަށް ފަހު އެނބުރި ފަތާ ޓްރެކާ ހަމައަށް އައިސް، މޫދުގައި ވަކި މިންވަރަކަށް ފެތުމަށް ފަހު ނިންމާލާ ރޭހެއް ކަމަށެވެ. އެގޮތުން ކުޑަކުދިންގެ ކެޓަގަރީގައި ދުވުންތެރިންނަށް ޕާޓްނަރުން ނެގުނު ނަމަވެސް މެންދުރު ފަހު ސެޝަންގެ ބައިވެރިންނަށް ޕާޓްނަރުން ބައިވެރި ނުކުރެވެއެވެ.

މިއަދުގެ ރަން ސްވިން އިވެންޓަށް ބައިވެރިން ވަނީ ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެގޮތުން މި އިވެންޓަކީ މޯލްޑިވްސް ލައިފްގާޑު އެސޯސިއޭޝަންއިން ބޭއްވި ފުރަތަމަ އިވެންޓަށް ވެފައި އިންތިޒާމް ތައް ފުރިހަމަކަމަށް ބައިވެރިން ވަނީ ބުނެފައެވެ.

އެގޮތުން ދުވުންތެރިޔާ އަދި ފެތުންތެރިޔާ އަހުމަދު އާތިފު ވިދާޅުވީ މި އިވެންޓަކީ ވަރަށް ކާމިޔާބު އިވެންޓެއް ކަމަށާއި ބޭނުންވަނީ ދެމެހެއްޓެނިވި ގޮތަކަށް މި އިވެންޓު ބޭއްވުމަށް ކަމަށެވެ.

މިއަދުގެ އިވެންޓުގައި ބައިވެރިވުމަށް އައްޑޫއަށް ވަޑައިގެންނެވި މަޝްހޫރު ދުވުންތެރިޔާ ކުޑަހުސެއިން ވިދާޅުވީ މި އިވެންޓަކީ ޒުވާން ކުދި ބަޔަކު އިންތިޒާމް ކުރި ވަރަށް ފުރިހަމަ އިވެންޓެއް ކަމަށެވެ. އެގޮތުން މި އިވެންޓުގައި ބައިވެރިވި މީހުންގެ އަދަދާއި، ކަންކަން އިންތިޒާމް ކުރެފިފައިވާ ގޮތް ރަނގަޅު ކަމަށް ހުސެއިން ފާހަގަކުރިއެވެ. އަދި ޓައިމިން އާއި ޑިސްޓެންސް ފަދަ ކަންކަން ރަނގަޅުކޮށްލުމުން މުޅި އިވެންޓު ވަރަށް ފުރިހަމަވީސް ކަމަށް ހުސެއިން ވިދާޅުވިއެވެ.

ރަން ސްވިމްގެ ބައިވެރިއެއް މެޑަލް އާއި އެކު، ފޮޓޯ: މުހައްމަދު އާރިފް

ރަން ސްވިމް އިވެންޓަކީ އައްޑޫ ސިޓީ ކައުންސިލާއި، އުރީދޫ އަދި ޕެބްލްސްއިންގެ އިތުރުން އައިރަނާސް، އީހަބް، ކްލެސީ މިސީ، ޑިސްކަވާ އައްޑޫގެ އިތުރުން ކޮންޓްރޯލްޕީ، ހަނީބީ އަދި ވިއްޓޭ ފޮޓޯގްރަފީ އާއި އައްޑޫނޭޗަރ ޕާކްގެ އެހީތެރިކަމާއި އެކު ބޭއްވި އިވެންޓެކެވެ.

މިއިވެންޓުގައި ފެތުން ކުރިއަށް ގެންދިޔައީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އެހީތެރިކަމާއި އެކުއެވެ. އަދި ޓްރެފިކް ކަންތައް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބަލަހައްޓަމުން ދިޔައިރު ފަސްޓް އެއިޑްގެ ކަންކަމުގައި ހަރަކާތްތެރިވީ މޯލްޑިވްސް ރެޑް ކްރެސެންޓުއެވެ.