ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މޮރޮކޯގެ ބޮޑުވަޒީރު، ޑރ. ސައަދުލްދީން އަލް އުޘްމާނީ ގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
މޮރޮކޯގެ ރަބަތުގައި ހުންނަ ބޮޑުވަޒީރުގެ އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރަށާއި މޮރޮކޯގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި އެމަނިކުފާނު މޮރޮކޯއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަމުގައި މިނިސްޓަރު ޝާހިދު ދެންނެވި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝާހިދާއި ބޮޑުވަޒީރު އަލް އުޘްމާނީ ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި ދެ ގައުމުންވެސް އިސްކަންދޭ ކަންތައްތަކުގެ ތެރެއިން، ދެ ގައުމުގެ ދޭ ދޭ ފަރުދުންގެ މެދުގައިވާ ގުޅުންތައް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވި ކަމަށެވެ.
އަދި ވިޔަފާރީގެ ދާއިރާއާއި، އިގުތިސާދީ ދާއިރާއާއި، ތަރިކައިގެ ދާއިރާއާއި، ނިރުބަވެރިކަމާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާއި، މަތީ ތައުލީމުގެ ދާއިރާއިން އަދި ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އިތުރަށް އެއްބާރުލުން ދިނުމާއިގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި ވަނީ ދިވެހިންނަށް ވިސާއާ ނުލާ މޮރޮކޯއަށް ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްފައެވެ.