ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ އައު ނާއިބު ލީޑަރެއް ހަމަޖައްސައިފިއެވެ.
ޑީއާރްޕީގެ ނާއިބު ލީޑަރުކަމަށް ޝިހާމް ހަމަޖައްސަވާފައި މިވަނީ އެޕާޓީގެ ނާއިބު ލީޑަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) ދާދިފަހުން ޕީޕީއެމްއާ ގުޅިވަޑައިގަތުމުންނެވެ.
އެޕާޓީގެ އައު ނާއިބު ލީޑަރަކީ ޖާބިރުގެ ކޮއްކޯފުޅު ހ. ތިމާވެށި، އިބްރާހީމް ޝިހާމެވެ. ނާއިބު ލީޑަރެއްގެ އިތުރުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ނަހުލާ އަލީވެސް ޕީޕީއެމްއާ ގުޅިވަޑައިގަތުމުން އެ މަގާމަށްވެސް ވަނީ ބޭފުޅަކު ހަމަޖައްސަވައިފައެވެ. އެގޮތުން އެމަގާމަށް ހަމަޖައްސަވާފައި ވަނީ ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފެވެ.
ޖާބިރު ޑީއާރްޕީގެ ލީޑަރުގެ މަގާމާ މިދިޔަ ޖުލައި މަހުގެ 23ވަނަ ދުވަހު ހަވާލުވެވަޑައިގެންފަހުން ވަނީ އެޕާޓީއަށް ގިނަ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެޕާޓީއަށް 3000 މެންބަރުން ހަމަކޮށް، އިތުރު މެންބަރުން އަދިވެސް ޕާޓީއަށް ވެއްދުމުގެ މަސައްކަތް ޖާބިރުގެ ލީޑާޝިޕުގެ ދަށުން އަންނަނީ ކުރައްވަމުންނެވެ.
މީގެއިތުރުން އެޕާޓީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެޕާޓީގެ 193ވަނަ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ޑީއާރްޕީގެ ކޮންގްރެސް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 އަދި 29ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޑީއާރްޕީގެ ކޮންގްރެސް އޮންނާނީ ކާށިދޫ ދާއިރާގައި ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.