Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ޔާމީންގެ މައްސަލަ ބަލާ ބެންޗުން ގާޒީ އަލީ ރަޝީދު ވަކިކުރަން ގޮވާލައިފި

ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / ޕްރޮގްރެސިވް ކޯލިޝަން

ކްރިމިނަލް ކޯޓު މިހާރު ހިންގެވުން ހަވާލުކުރައްވާފައިވާ ގާޒީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހަޅާފައި ވަނިކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބަލާ ބެންޗުގައި ގާޒީ އަލީ ރަޝީދު ނުހިމެނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އަމިއްލަ ފަރާތަކުން ގާޒީ އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅާފައި އޮންނަތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު އެ މައްސަލަ ބަލަން ޖޭއެސްސީން ނޫޅޭތީ ކަންބޮޑުވާ ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ގާޒީ އަލީ ރަޝީދާއި ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް އަޑުއިވެމުންދާ ކަމަށެވެ. އަދި އެ ވާހަކަތަކަކީ ޕްރޮގްރެސިވް ކޯލިޝަނުން ކަންބޮޑުވާ މައްސަލައެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ މިހާރުން މިހާރަށް ޖޭއެސްސީގެ ކުއްލި ބައްދަލުވުމެއް ބާއްވާ ގާޒީ އަލީ ރަޝީދުގެ މައްސަލަ ބެއްލެވުމަށްފަހު ރައީސް ޔާމީންގެ މައްސަލަ ބަލާ ބެންޗުން އޭނާ ނެގުމަށް ގޮވާލައްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ އަލީ ރަޝީދު އެ ބެންޗުން ނެގުމަކީ މިވަގުތަށް އެންމެ މަސްލަހަތު ރަނގަޅު ގޮތް ކަމަށެވެ.

"ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާތުގައި އަލީ ރަޝީދު ވިދާޅުވި ކަމަށްވޭ ރައީސް ޔާމީން ކޮންމެހެން ޖަލަށްލާން ޖެހޭނޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ގާޒީ އަލީ ރަޝީދާއި ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 29ވަނަ މާއްދާއާ ގާޒީ އަލީ ރަޝީދު ހިލާފުވެވަޑައިގެންފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ. އެ މައްސަލައަކީ ރާއްޖެޓީވީއަށް އެމަނިކުފާނު އިންޓަވިއު ދެއްވުމުން ހުށަހަޅާފައިވާ މައްސަލައެކެވެ. އެމަނިކުފާނު އިންޓަވިއު ދެއްވީ މިހާރު ސަސްޕެންޑު ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ނެރުއްވި ނޫސްބަޔާނެއްގައި ރައީސް އަބްދުﷲ ޔާމީނު ޖަލަށްލުމަށް ހުކުމް އިއްވާނެ ކަމުގެ ކަށަވަރުކަން ދިނުމަށް ބައެއް ފަރާތްތަކުން ނުފޫޒު ފޯރިވި ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ އޭނާ ހައްދަވަނީ އިތުރުފުޅެއް ކަމަށެވެ. ގާޒީ އަލީ ރަޝީދު ވިދާޅުވީ، ހައިލަމް އަށް ބަޔަކު ނުފޫޒޯ ފޯރުވިކަން އެނގިވަޑައިގެންފައިނުވާ ކަމަށެވެ.