Last Updated: April 25, 08:39
Thursday, April 25, 2024
ޚަބަރު

މަސްއޫލިއްޔަތު އަދާ ނުކުރެވޭ ނަމަ ޕީޖީ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލައިފި

ޕީޖީ އައިޝަތު ބިޝާމް - ފޮޓޯ: މަޖިލިސް

ގާނޫނުއަސާސީއާ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ގާނޫނުން މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާނުކުރެވޭ ނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ޕީޖީ އައިޝަތު ބިޝާމަށް ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

މިއަދު މެންދުރު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ގައުމުގައި ބޮޑެތި ކަންތައްތަކެއް ހިނގައިގެން ދާއިރު ޕީޖީގެ މަގާމުގައި ހުންނެވި ބޭފުޅާއަށް އެއްވެސް ކަމެއް "ރޭކާ" ނުލާ ކަމަށެވެ. އަބްދުއްރަހީމް ވަނީ ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާ އަދާ ކުރެއްވުމަށް ގޮވާލައްވާފައެވެ. އަދި ގާނޫނު ޒިންމާ އަދާ ނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށްވެސް އަބްދުއްރަހީމް ގޮވާލެއްވިއެވެ.

"މުޅި ޝަރުއީ ނިޒާމު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. މިހާ ހިސާބުގައި މި ގައުމު އޮތްއިރު ޕީޖީއަކަށް މިގައުމުގައި ކަމެއް ހިނގާ ކަމެއް ނޭނގޭ. ގާނޫނުއަސާސީން އެކަމަނާއަށް ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަކީ ކޮބައި ކަމެއް އެކަމަނާއަށް އެނގިވަޑައިގަންނަވާ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ އެކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރެއްވުމަށް އެ ކޮމިޝަނުން ނިންމާ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ. މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ އެޖެންޑާކޮށް ޖުޑީޝަރީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ. އަދި އެ ކޮމެޓީން ވަނީ ދެ ފަނޑިޔާރުން ވަކި ކުރަން ނިންމީ ރަނގަޅަށް ކަމަށް ނިންމާފައެވެ. އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި އެ މައްސަލައަށް މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނެއެވެ.

ޖޭއެސްސީން ބުނީ މި އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އާދަމް މުހައްމަދާއި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.

އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން ޖޭއެސްސީން ވަަނީ މި ދެ ބޭފުޅުން 60 ދުވަހުގެ މުއްދަތަށް މަގާމުން ސަސްޕެންޑު ކުރުމަށް ވެސް ނިންމާފައެވެ. އެ ބޭފުޅުން ސަސްޕެންޑު ކުރަނީ އެ ބޭފުޅުންނާ ގުޅޭގޮތުން ބަލަމުންދާ މައްސަލަތަކުގެ ބާވަތަށް ބަލައި ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ ގޮތުން ކަމަށް ޖޭއެސްސީން ބުނެއެވެ.

މި ދެ ފަނޑިޔާރުންގެ އިތުރުން ސުޕްރީމް ކޯޓުގެ އިތުރު ދެ ފަނޑިރާރެއްގެ ސުލޫކީ މައްސަލަ ވެސް ޖޭއެސްސީންް އަންނަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އެ ދެ ފަނޑިޔާރުންގެ މައްސަލާގައި ތަހުގީގު ރިޕޯޓު އެކުލަވާލައި މިހާރު އެ ރިޕޯޓަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވާފައިވާ ކަމަށް ޖޭއެސްސީން ހާމަކުރެއެވެ.

ޖޭއެސްސީން މިފަދައިން ބުނި ނަމަވެސް އުއްތަމަ ފަނޑިޔާރު ވަނީ ޖޭއެސްސީގެ ނިންމުން ބަލައި ނުގަންނާނެ ކަމަށް ވިދާޅުވެފައެވެ.