ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ހިންގާ ރާވައިގެން ކަމަށް ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭންގޭ މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރިޕޯޓުގައި ބުނެފިއެވެ.
ޑރ. އަފްރާޝީމްގެ މަރާއި ގުޅިގެން މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓު މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިއްވާފައެވެ. މުޅި ރިޕޯޓު އެއްކޮށް އިއްވާފައި ނުވި ނަމަވެސް އެމަނިކުފާނު ވަނީ ފާހަގަކުރެވޭ ބައެއް މުހިއްމު ނުކުތާތަކެއް އިއްވާފައެވެ. އެ ރިޕޯޓުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ވަނީ ބުނެފައެވެ. އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ. މި މީހުންގެ ތެރެއިން މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދަކީ މީގެކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައިވެސް މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެ ނަމެކެވެ. ރިލްވާން މަރާލާފައި ވަނީ ވެސް ހަރުކަށި ފިކުރުގެ ޖަމާއަތަށް ނިސްބަތްވާ ބަޔަކު ކަމަށާއި އެގޮތުން ރިލްވާން މަރާލުމުގައި ހަރަކާތްތެރިވި ޖަމާއަތުގެ އިސް ލީޑަރުންގެ ގޮތުގައިވެސް ތިބީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ކަމަށްވެސް މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިއިރު ޑރ އަފްރާޝީމް އަލީ މަރާލުމުގެ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި، ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި، ހ. ކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ކަމުގައި އަމަލީ ގޮތުން ދެން ބައިވެރި ފަރާތް ޑރ. އަފްރާޝީމްގެ މަރަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.
މި ރިޕޯޓުގައި ޑރ. އަފްރާޝީމް މަރާލާފައިވަނީ ވަކި ހާއްސަ ވާހަކަތަކެއް ދައްކާތީ ކަމަށް ބަޔާންކޮށްފައިވެެއެވެ. އެވާހަކަތަކުގެ ތެރޭގައި ދީނީ އިލްމުވެރިއެއްގެ މެދުގައި ކަމަކާއި މެދު ހިޔާލުތަފާތުވުން އުފެދިއްޖެ ނަމަ އެއީ ކަނޑައެޅިގެން ވާޖިބު ބިދުއަ އަދި ކަނޑައެޅިގެން ދީނުން ބޭރުވާ ވަރުގެ މައްސަލައެއްގެ ގޮތުގައި ކަނޑަނޭޅޭނޭ ކަމަށާއި އެފަދަ މައްސަލަތަކަކީ ކަނޑައަޅައިގެން ވަކިގޮތެއް ނިންމޭނޭ މައްސަލަތަކެއް ނޫން ކަމަށް ޑރ. އަފްރާޝީމް ވިދާޅުވެފައިވާ ވާހަކަ ހިމެނެއެވެ. އެފަދަ މައްސަލަކުގައި މުސްލިމު އަހުން އެއްބަޔަކު އަނެއް ބަޔަކަށް ޖަދަލުކޮށް އެއްޗިހި ގޮވާ ހެދުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޑރ. އަފްރާޝީމް ވިދާޅުވި ވާހަކަވެސް ހިމެނޭ ކަމަށް މަރު ކޮމިޝަނުގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ޑރ އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތް ހަމަ ނުޖެހުންތައް ހުރީ ކީއްވެގެންކަންވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެން މީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ އަފްރާޝީމް ދެކެވަޑައިގެންނެވި ގޮތަކީ އިލްމުވެރިންގެ މެދުގައި ހިތްހަމަ ނުޖެހުން އޮތް ކަމެއްގެ ގޮތުގައި ރިޕޯޓުގައި ވަނީ ބުނެފައިވެއެވެ.