Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ލަންކާގެ އިންތިހާބު ކާމިޔާބު ކުރެއްވި ގޯޓާބަޔަށް ރައީސްގެ މަރުހަބާ

ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އެ ގައުމުގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސާގެ ކޮއްކޯފުޅު ގޯޓާބަޔަ ރާޖަޕަކްސަ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން މަރުހަބާ ދަންނަވާ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ގޯޓާބަޔަގެ ވެރިކަމުގައި ރާއްޖެއާ ލަންކާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސްގެ ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

މި އިންތިހާބުގެ ވޯޓު ގުނުން އަދިވެސް ކުރިއަށްދާއިރު ގޯޓާބަޔަ ނިސްބަތްވެ ވަޑައިގަންނަވާ އެސްއެލްޕީޕީން ނެރުނު ބަޔާނެއްގައި ވަނީ ގޯޓާބަޔަ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށާއި ސުލްހަވެރިކަމާ އެކު އުފާ ފާޅު ކުރުން ކުރިއަށް ގެންދިޔުމަށް އެދިފައެވެ.

މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ވޯޓު ގުނާ ނިމިފައިވާއިރު، ގޯޓާބަޔަ ވަނީ 48.2 ޕަސެންޓު ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އޭނާއާ އެންމެ ގާތުން ވާދަކުރައްވާ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖިތު ޕްރަމަދާސާއަށް ލިބިވަޑައިގެންފައި 45.3 ޕަސެންޓު ވޯޓެވެ.

"މިއީ ވަރަށް ފުރިހަމަ މޮޅެއް. ލަންކާގެ ރައީސް ކަމަށް ގޯޓާބަޔަ ވަޑައިގަންނަވާތީ އެކަމާ އުފާކުރަން. މާދަމާ ނޫނީ އަނެއް ދުވަހު އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނެ" ގޯޓާބަޔާގެ ތަރުޖަމާނު ކެހެލިޔާ ރަމްބަކްވެލާ ވިދާޅުވިއެވެ.

ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގައި 15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން 80 ޕަސަންޓެއްހާ މީހުން ވޯޓުލާފައިވާ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.