މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) މާލޭ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެމްއެންޑީއެފް މާލޭ އޭރިއާގެ ކޮމާންޑް އޮޕަރޭޝަން ސެންޓަރ ހުޅުއްވައިދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އަލަށް ހުޅުވި އެމް.އެން.ޑީ.އެފް. މާލޭ އޭރިއާގެ ކޮމާންޑް އޮޕަރޭޝަން ސެންޓަރަކީ އެމް.އެން.ޑީ.އެފް.ގެ އޭރިއާތަކުގެ އޮޕަރޭޝަން ސެންޓަރުތަކުގެ ޤާބިލުކަން އިތުރުކުރުމަށް، ޒަމާނީ ޓެކްނޮލޮޖީއާއެކު ހިންގާ އޮޕަރޭޝަންތައް މޮނީޓަރ ކުރެވޭނެ ނިޒާމާއެކު އަޕްޑޭޓްކުރެވިފައިވާ މަރުކަޒެކެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ޖެނެރަލް އޮފިސަރުންގެ އިތުރުން އެމް.އެން.ޑީ.އެފް. މާލޭ އޭރިއާގެ އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.