Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ދޫނިދޫ ޖަލު އަންނަ އަހަރު ތަޅާލަނީ

ދޫނިދޫ ޖަލު ތަޅާލުމުގެ މަސައްކަތް އަންނަ އަހަރު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ދޫނިދޫ ޖަލަކީ މީހުން ބަންދުގައި ބެހެއްޓުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި އެހެންކަމުން އެތަން ތަޅާލުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް މިއަހަރުވެސް ތައްޔާރުވި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ވިދާޅުވީ އެކަން ކުރިއަށް ނުގެންދެވުނީ އޭރު ދިމާވި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލު ތަޅާލުމަށްފަހު ހަމަ އެތަނުގައި އިތުރު ޖަލެއް އެޅުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށެވެ. މީގެކުރިން އެއްގޮތަކަށްވެސް މީހުން ބަހައްޓަން އެކަށީގެން ނުވާ ތަންތަނުގައިވެސް މީހުން ބަހައްޓާފައިވާކަން ފާހަގަކުރައްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު އެތަންތަނުގައި އެއްވެސް މީހަކު ބަންދުކޮށްފައި ނުބަހައްޓާ ކަމަށެވެ. ދޫނިދޫގައި ދެން އަޅާނެ ޖަލަކީ އިންސާނުން އެތަނުގައި ބަންދުކޮށްފައި ބަހައްޓަން އެކަށީގެންވާ ތަނަކަށް ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގައިދީންނާއި ކުރެވޭ މުއާމަލާތް ބަދަލު ކުރެވޭނީ ޖަލު އޮފިސަރުންނަށްވެސް ދޭންޖެހޭ ތަމްރީނުތައް ދީގެން ކަމަށާއި އެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އޮފިސަރުންގެ ކިބައިގައި އިންސާނީ ހައްގުތަކަށް ކަރާމާތްތެރިކޮށް ހިތުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ރިވެތި ސިފަތަކާއި މާތް އަހުލާގު އަށަގެންނަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންކަމުން އަޅުގަނޑުމެންގެ މިމަސައްކަތުގެ އެންމެ އިސް އެއް އަމާޒަކީ ފުރިހަމަ ތައުލީމާ ހުނަރާ ތަމްރީނު ލިބިގެންވާ ރިވެތި އަހުލާގުގެ ސިފަ ލިބިގެންވާ އޮފިސަރުން ތައްޔާރުކުރުން،" މިނިސްޓަރު ވިދާޅުވިއެވެ.

ގައިދީންނަށް މީގެކުރިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރައްވާ މިިނިސްޓަރު އިމްރާން ވިދާޅުވީ އާއިލީ ބައްދަލުވުމަށް ގައިދީންނަށް ކުރީގައި ދީފައިވާ އެއް ގަޑިއިރު ދެ ގަޑިއިރަށް ބަދަލުކޮށްފައިވާނެ ކަމަށެވެ. އަދި އެކަހެރި ބައްދަލުވުން 12 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކޮށްފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.