Last Updated: April 24, 12:56
Wednesday, April 24, 2024
ޚަބަރު

ހަރުކަށި ފިކުރު ހުއްޓުވަންޖެހޭ، ނޫނީ ގައުމު ހަރާބުވެދާނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް ހުއްޓުވަން ޖެހޭ ކަމަށާއި އެކަން ނުހުއްޓުވިއްޖެ ނަމަ ގައުމު ހަރާބުގެ މަގަށް ހިނގައިދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުއުފެދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރުގެ ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅޭ ގޮތުން މަރު ކޮމިޝަނުން ކުރިއަށްގެންދިޔަ ތަހުގީގު ރިޕޯޓުގެ ބައެއް މުހިއްމު ނުކުތާތައް ހިއްސާ ކުރެއްވުމަށްފަހު ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ ހަރަކާތްތައް އަވަހަށް ތަހުގީގު ކުރެވި ހުއްޓުވަން ޖެހޭ ކަމަށެވެ.

އެގޮތުން ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އަދި ދައުލަތުގެ ކަމާބެހޭ ހުރިހާ ފަރާތްތަކުން މަރު ކޮމިޝަނުން އެކުލަވާލާފައިވާ އެ ރިޕޯޓުގެ މައްޗަށް އަމަލު ކުރުމަށް އަވަސްވެ ގަތުމަށް ނަޝީދު ވަނީ ގޮވާލާފަ އެވެ.

މަރު ކޮމިޝަނުގެ މި ރިޕޯޓުގައި އަފްރާޝީމް އަލީ އަވަހާރަކޮށްލީ ރާއްޖޭގައި ހިންގާ ޖިހާދީ ފިކުރުގެ ޖަމާއަތަކުން ހިންގާ ރާވައިގެން ކަމަށް ވަނީ ބުނެފައެވެ.
އެ ރިޕޯޓުގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށް ވަނީ ބުނެފައެވެ.

އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ. މި މީހުންގެ ތެރެއިން މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދަކީ މީގެކުރިން ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައިވެސް މަރު ކޮމިޝަނުން ކޮށްފައިވާ ތަހުގީގު ރިޕޯޓުގައި ފާހަގަކޮށްފައިވާ ދެ ނަމެކެވެ. ރިލްވާން މަރާލާފައި ވަނީ ވެސް ހަރުކަށި ފިކުރުގެ ޖަމާއަތަށް ނިސްބަތްވާ ބަޔަކު ކަމަށާއި އެގޮތުން ރިލްވާން މަރާލުމުގައި ހަރަކާތްތެރިވި ޖަމާއަތުގެ އިސް ލީޑަރުންގެ ގޮތުގައިވެސް ތިބީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ކަމަށްވެސް މަރު ކޮމިޝަނުން މީގެކުރިން ބުނެފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނުން ކޮށްފައިވާ ތަހުގީގަށް ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބަލާއިއިރު ޑރ އަފްރާޝީމް އަލީ މަރާލުމުގެ މަސައްކަތުގައި ހ. ހިލްޓަން އަޒްލިފް ރައޫފްއާއި، ހ. ލޮބީ ހުސައިން ހުމާމް އަހުމަދާއި، ހ. ކޯސްޓް އަލީ ޝާން އާއި 18 އަހަރުނުފުރޭ ކުޑަކުއްޖެއްގެ އިތުރުން އެހެން ބަޔަކު އެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ކަމުގައި އަމަލީ ގޮތުން ދެން ބައިވެރި ފަރާތް ޑރ. އަފްރާޝީމްގެ މަރަށް ފަހު ރާއްޖޭން ބޭރަށް ހަނގުރާމައަށް ގޮސްފައިވާތީވެ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި ބުނެފައިވެ އެވެ.