ސަލްމާން ހާނާއި މަދޫރީ ޑިކްޝިޓް އަދި ސަންޖޭ ދަތު ލީޑް ރޯލް ކުޅެފައިވާ އަސަރު ގަދަ ލޯބީގެ ފިލްމް "ސާޖަން" ގެ ސީކްއެލްއެއް އާ ކާސްޓަކާ އެކު ހަދަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ލޯރެންސް ޑި ސޫޒާ ބުނެފި އެވެ.
އެއް އަންހެން ކުއްޖަކާ ހިތާވާ ދެ ފިރިހެނެއްގެ ވާހަކަ ކިޔައިދޭ "ސާޖަން" ގެ ސީކްއެލް އާ ބެހޭ ގޮތުން ލޯރެންސް ބުނީ ސީކްއެލްގެ ސްކްރިޕްޓް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި ކުރީ ފިލްމާ އެއްގޮތަށް އާ ފިލްމަކީ ވެސް ތިނެސްކަން އަސަރު ގަދަ ލޯބީގެ ފިލްމަކަށް ވާނެ ކަމަށް އޭނާ ބުންޏެެވެ.
ލޯރެންސް ބުނީ އޭނާ 1991 ވަނަ އަހަރު ޑައިރެކްޓްކޮށްް ބޮޑު ކާމިޔާބީއެއް ހޯދި އަދި ހިތްގައިމު ލަވަތަކެއް ވެސް ހިމެނޭ "ސާޖަން" ގެ ޝޫޓީން އަންނަ އަހަރު ކުރީކޮޅު ފަށާނެ ކަމަށެވެ. އަދި ފިލްމް ޝޫޓް ކުރާނީ ކަޝްމީރުގެ ހިތްގައިމު ވާދީތަކުގައި ކަމަށެވެ.
އެހެން ނަމަވެސް ފިލްމްގެ ތަރިންނާ ބެހޭ ގޮތުން އަދި އެއްވެސް ވާހަކައެެއް ދައްކާކަށް ޑައިރެކްޓަރު ބޭނުމެއް ނޫނެވެ.
"އަހަރެން ބޭނުން ވަނީ ޒުވާން އޭ ލިސްޓް ތަރިންތަކެެއް. ފިލްމަށް ނަގާނެ ބައެއް ތަރިން މިހާރު ވަނީ ނިންމާފައި. އެކަމަކު ތަރިންގެ ނަންތައް ހާމަ ކުރެވޭކަށް ނެތް،" ލޯރެންސް ބުންޏެވެ.