Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޔާމީނަށް ހުކުމް އިއްވުން މި މަހުގެ 28ގައި

ޕީޕީއެމްގެ ބައްދަލުވުމެއްގައި ރައީސް ޔާމީން -- ފޮޓޯ / ސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް އިއްވުން މި މަހުގެ 28ވަނަ ދުވަހު ބޭއްވުމަށް ނިންމާ މިއަދު ބޭއްވި އަޑުއެހުން ނިންމާލައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިސް ގާޒީ، ގާޒީ އަލީ ރަޝީދު ވިދާޅުވީ ޖިނާއީ އިޖުރާއަތު ގާނޫނުގެ 152 ވަނަ މާއްދާގައި ބުނެފައި ވަނީ، މައްސަލަ ބަލާ ގާޒީ ބަދަލުވެއްޖެ ނަމަ، އެ މައްސަލައެއް އަލުން ބެލުމަށްވެސް ފަނޑިޔާރަށް ނިންމިދާނެ ކަމަށާއި ނުވަތަ މައްސަލަ ނިންމާފައި އޮތް ހިސާބުން ކުރިއަށް ގެންދަންވެސް ނިންމި ދާނެ ކަމަށެވެ. އެކަމާއި ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުގައި ވަރަށް ފުޅާކޮށް ވާހަކަ ދެކެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ދެ ފަރާތަށްވެސް މައްސަލައާ ގުޅިގެން ވާހަކަދެއްކުމަށް ފުރުސަތު ދިނެވެ. އެ ފުރުސަތުގައި ދައުލަތުގެ ފަރާތުން ވާހަކަދައްކަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މައްސަލަ އަލުން ބެލުމާއި ނުބެލުން އޮންނާނީ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވި ގާޒީންގެ އަތްޕުޅުގައި ކަމަށާއި ފަނޑިޔާރުންގެ ބެންޗުން ނިންމާ ކޮންމެ ނިންމުމަކަށް ދައުލަތުން އިހްތިރާމް ކުރާނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުން ވިދާޅުވީ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލެއްވުމުން ބޭނުންވަނީ މައްސަލަ އަލުން ބެލުމަށް ކަމަށެވެ. އެހެންނަމަވެސް ގާޒީ އަލީ ރަޝީދު ވިދާޅުވީ މައްސަލަ އަލުން ބެލުމަކީ އިންސާފަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. އަދި ކޯޓުން އަމަލު ކުރާ އުސޫލަށް ބަލާއިރުވެސް ހެކި ނަގާފައި ތިބޭ މައްސަލަތަކުގައި އަލުން ޝަރީއަތް ފަށާ ހެކި ނަގާ އެ ހުރިހާ ކަމެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން އަލުން މައްސަލަ ނުބަލާން ނިންމާފައިވާ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލިއިރު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދު ހުސެއިން، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

ގާޒީ އަލީ ރަޝީދު މައްސަލަ ބަލާ ބެންޗުން ތަނާޒިލުވުމަށް އެދުން:

މި މައްސަލައިގެ މިއަދުގެ އަޑުއެހުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ ގާޒީ އަލީ ރަޝީދާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅިފައިވާތީ އެމަނިކުފާނު މައްސަލަ ބަލާ ބެންޗުގައި އިނުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ގާޒީ އަލީ ރަޝީދަށް އިތުބާރު ނުކުރެއްވޭ ކަމަށާއި އެހެން ގާޒީންނަށް އިތުބާރު ކުރެވޭ ކަމަށްވެސް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ. އެ މައްސަލައަކީ ފަނޑިޔާރުންގެ ގާނޫނުގެ 29ވަނަ މާއްދާއާއި ހިލާފަށް ގާޒީ އަލީ ރަޝީދު ރައީސް ޔާމީންގެ ޝަރީއަތާބެހޭ ގޮތުން ވަކި މީޑިއާއަކަށް މައުލޫމާތު ދީޕާއި ކަމަށް ވަނީ ބުނެ ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ފަރާތުންނާއި އާއްމުންގެ ފަރާތުން ޖޭއެސްސީއަށް ހުށަހެޅި މައްސަލައެކެވެ.

މިކަމާއި ގުޅިގެން މައްސަލައިގެ އަޑުއެހުން ވަގުތުކޮޅަކަށް މެދުވެސް ކަނޑާލިއެވެ. އެއީ ފަނޑިޔާރުންގެ ބެންޗުން އެކަމާއި ގުޅިގެން މަޝްވަރާ ކުރުމަށެވެ. އަދި ހުސް ވަގުތުކޮޅަކަށްފަހު ޝަރީއަތް އަލުން ފައްޓަވަމުން ގާޒީ އަލީ ރަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެޓީވީއަށް އިންޓަވިއު ދިނީ ސިޔާސީ މީހަކު ދައްކާފައިވާ ވާހަކައަކަށް ރައްދު ދިނުމުގެ ގޮތުން ނޫން ކަމަށާއި އަދި ކޯޓުގައި ހިނގާ ކަމަކާއި ގުޅޭ ގޮތުން ރައްދެއް ދިނުމަކަށް ނުވަތަ މީޑިއާއިން ކުރި ސުވާލަކަށް ރައްދު ދިނުމުގެ ގޮތުން ނޫން ކަމަށެވެ. އެއިން ކަމެއް ކޮށްފި ކަމަށްވާނަމަ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ބުނާ ގޮތުން މައްސަލައިގެން ތަނާޒުލު ވާން ޖެހޭނެ ކަމަށާއި ނަމަވެސް މައްސަލައައިގެން ތަނާޒިލުވާން ޖެހޭ އެއްވެސް ކަމެއް އަދި އެ ގަވާއިދުގައި ބުނާ އެފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު އިންޓަވިއު ދިނީ އެއީ ކޮންމެހެންވެސް ޖަވާބު ދޭންޖެހޭ ސުވާލަކަށްވާ ކަމަށް ގަބޫލު ކުރެވޭތީ ޖަވާބު ދޭންޖެހޭ ވަރަށް، އެއަށްވުރެ އިތުރަކަށް ވާހަކައެއް ނުދައްކަން،" އަލީ ރަޝީދު ވިދާޅުވިއެވެ.

ވަކި ފަރާތަކަށް ނުޖެހޭނަން، އަދުލުވެރި ނިންމުމެއް ނިންމާނަން:

މިއަދުގެ އަޑުއެހުން ނިންމާލެއްވުމުގެ ކުރިން ގާޒީ އަލީ ރަޝީދު ވިދާޅުވީ މައްސަލާގައި އަދުލުވެރި ހުކުމެއް ކުރައްވާނެ ކަމަށެވެ. އަދި އެ މައްސަލާގައި ވަކި ފަރާތަކަށް ނުޖެހޭނެ ކަމުގެ ޔަގީންކަން މައްސަލާގައި ޝާމިިލުވާ ހުރިހާ ފަރާތްތަކަށްވެސް އަރުވާ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ކޮންމެ ގާޒީއެއްވެސް މައްސަލަ ނިންމަވާނީ އަދުލުވެރި ނިންމުމެއް ކަމަށެވެ.

އެހެންކަމުން މިއަދުގެ އަޑުއެހުން ނިންމާ ލައްވާ ގާޒީ އަލީ ރަޝީދު ވިދާޅުވީ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން މިއަދު ނިމުނީ ކަމަށާއި މި މަހުގެ 28ވަނަ ދުވަހު މައްސަލާގައި ހުކުމް ކުރުން އޮންނާނެ ކަމަށެވެ. ހުކުމް ކުރުން އޮންނާނީ އެ ދުވަހުގެ މެންދުރު 1:3ގައި ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.