Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ޔާމީންގެ މައްސަލަ އަލުން ނުބަލާ ހުކުމް އިއްވަނީ

ރައީސް ޔާމީން -- ފޮޓޯ / އަވަސް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅޭ ޝަރީއަތްތައް އަލުން ނުފަށާ މައްސަލަ މިހާރު ގޮސްފައިވާ ހިސާބުން ބެލުމަށް މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ނިންމައިފިއެވެ.

މިއަދު މެންދުރު 1:30ގައި ކްރިމިނަލް ކޯޓުގައި ފެށިގެން ކުރިއަށްދާ މި ޝަރީއަތުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގައި އިސް ގާޒީއަކަށް އިންނެވި ގާޒީ އަލީ ރަޝީދު ވަނީ މައްސަލާގައި ދެފަރާތުންވެސް ބޭނުންވާ ގޮތް ހާމަ ކޮށްދެއްވުމަށް ފުރުސަތު ދެއްވާފައެވެ. އެގޮތުން ދައުލަތުން ވަނީ ފަނޑިޔާރުންގެ ބެންޗުން ނިންމާ ކޮންމެ ނިންމުމަކަށް އިހުތިރާމް ކުރާނެ ކަމަށް ބުނެފައެވެ.

ނަމަވެސް ރައީސް ޔާމީންގެ ލޯޔަރުންގެ ޓީމުން ވިދާޅުވީ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލެއްވުމުން ބޭނުންވަނީ މައްސަލަ އަލުން ބެލުމަށް ކަމަށެވެ. އެހެންނަމަވެސް ގާޒީ އަލީ ރަޝީދު ވިދާޅުވީ މައްސަލަ އަލުން ބެލުމަކީ އިންސާފަށް ހުރަސް އެޅިދާނެ ކަމެއް ކަމަށެވެ. އަދި ކޯޓުން އަމަލު ކުރާ އުސޫލަށް ބަލާއިރުވެސް ހެކި ނަގާފައި ތިބޭ މައްސަލަތަކުގައި އަލުން ޝަރީއަތް ފަށާ ހެކި ނަގާ އެ ހުރިހާ ކަމެއް ނުކުރާނެ ކަމަށެވެ. އެހެންކަމުން އަލުން މައްސަލަ ނުބަލާން ނިންމާފައިވާ ކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލަ ބެލުމަށް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލިއިރު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ގާޒީ އަލީ ރަޝީދު ހުސެއިން، ގާޒީ އަހުމަދު ޝަކީލާއި މުހައްމަދު ސަމީރާއި އަލީ އާދަމް އަދި ހުސެއިން ފާއިޒް ރަޝާދެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުގައި ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވީ ގާޒީ އަލީ ރަޝީދާއި ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅިފައިވާތީ އެމަނިކުފާނު މައްސަލަ ބަލާ ބެންޗުގައި އިނުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ގާޒީ އަލީ ރަޝީދަށް އިތުބާރު ނުކުރެއްވޭ ކަމަށާއި އެހެން ގާޒީންނަށް އިތުބާރު ކުރެވޭ ކަމަށްވެސް ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.

އެ މައްސަލައިގެ ހުކުމް އިއްވުމަށް މިދިޔަ އަންގާރަ ދުވަހު އަޑުއެހުމެއް ބާއްވަން ތާވަލުކުރި ނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ކުއްލި ގޮތަކަށް ސަސްޕެންޑު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

ހައިލަމް ސަސްޕެންޑް ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހައި ދަމާފައި ގެންދާތައް ފެންނަ ކުރެހުމަކުން، ގާޒީ ހައިލަމް ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ހައިލަމް ސަސްޕެންޑު ކުރުމަށްފަހު މި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ. ނަމަވެސް އެ ބެންޗުން މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް އަދި ނޭނގެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.