Last Updated: April 27, 06:22
Saturday, April 27, 2024
ސިޔާސީ

ނަޝީދު އިންނެވި އުޅަނދެއްގައި ބޮމެއް ގޮއްވާލަން އަދީބު އުޅުނު!

ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ ވެހިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުޅުއްވި ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވާ ކަމަށް ޑރ. އަފްރާޝިމް އަލީގެ މަރުގެ ތަހުގީގަށް އޭނާ ދެއްވި ބަޔާނުން ހާމަވެއްޖެ އެވެ.

އަފްރާޝީމްގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަނުންކުރި ތަހުގީގު ރިޕޯޓުގައި ނާޒިމްދިން ބަޔާނުގައި ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރިނުވެވޭގޮތް ހެދުމާ ގުޅޭ ވާހަކަތަކެއް އަދީބާއި ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމަށްވާ އަބްދުﷲ ޖާވިދު ދައްކަމުން ދިޔަ ކަމަށެވެ. އަދި އެ ވާހަކައިގެ ތެރޭގައި އަދީބު ބޮން ހަދާ ހިސާބަށްވެސް ދިޔަކަމަށާއި، އެގޮތުން ރައީސް ނަޝީދު އިންނަވާ އުޅަނދެއްގެ ތެރޭގައި ބޮމެއް ގޮއްވާލައިގެން އެކަން ކުރަން ވެސް ވާހަކަ ދެއްކެވި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެކަން އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ސީދާ ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދަށް ވެސް އެކަހަލަ ބިރެއް އޮތް ކަމަށް ކާނަލް ނާޒިމް އެމަނިކުފާނަށް ވެސް އެންގެވި ކަމަށް އަހުމަދު ނާޒިމް ދެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ނާޒިމް ވިދާޅުވިގޮތުގައި އެފަދަ ވާހަތަކެއް ދައްކާފައިވަނީ އަފްރާޝިމްގެ މަރަށް ފަހުގަ އެވެ. ނާޒިމް ވިދާޅުވީ ރައީސް ނަޝީދަށް 2013 ވަނަ އަހަރުގެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމަށް އަފްރާޝިމް އަވަހާރަކޮށްލައިގެން އެމަރުގެ މައްސަލަ ރައީސް ނަޝީދުގެ ބޮލުގައި އަޅުވައިގެން ރައީސް ނަޝީދަށް 2013 ގެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމުގެ މަގްސަދެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. އަދީބު އެފަދަ ކަންތައްތަކުގެ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގާތުގައި ދައްކަވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ރައީސް ނަޝީދު ގޮއްވާލަން އަދީބު މަސައްކަތް ކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އިރު 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ރައީސް ޔާމީން އިންނެވި ފިނިފެންމާ ލޯންޗު ގޮއްވާލި ކަމުގެ ތުހުމަތު ވެސް އަދީބަށްކޮށް އެކަން ސާބިތުވި އެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ.