Last Updated: May 9, 20:14
Thursday, May 9, 2024
ޚަބަރު

ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ބަލައިގަތުމުން މަޖިލީހަށް ގަރާރެއް

ދިވެހިރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެ އެކަން ރަސްމީކޮށް އިއުލާން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމުމަތުކޮށް އެމައްސަލަ ބެލުމަށް ގޮވާލާ، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް މިގަރާރު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ.

ނަޝީދުގެ ގަރާރު ހުށަހަޅުއްވަމުން އޭނާ ވިދާޅުވެފައި ވަނީ 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކޮސޮވޯ އިން އަމިއްލަ އަށް އެއީ ވަކި ދައުލަތެއް ކަމަށް އިއުލާންކުރި ނަމަވެސް އެއީ ގާނޫނީ ދައުލަތެއް ކަމަށް އދ. އާއި ބައެއް ގައުމުތަކުން އަދިވެސް ގަބޫލުކޮށްފައި ނުވާ ކަމަށެވެ. ކޮސޮވޯ އަކީ ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނަ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އެކުވެރި ގައުމުތައް ކަމަށްވާ ޗައިނާ، އިންޑިއާ އަދި ލަންކާގެ ނަން ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

ނަޝީދު ވިދާޅުވީ ކޮސޮވޯގެ މިނިވަންކަމާ ގުޅޭ ބަހުސް އދގައި ކުރިއަށް ދަނިކޮށް، އެ ސަރަހައްދު ހިންގުމާ ރަސްމީކޮށް މިވަގުތު ހަވާލުވެ އޮތީ އދ. އާއި ޔޫރަޕުގެ އިއްތިހާދާއި ނޭޓޯ ކަމަށްވާތީ ކޮސޮވޯގެ މިނިވަންކަމުގެ މައްސަލަ އަކީ ސީރިއަސް މައްސަލައެއް ކަމަށެވެ. އެފަދަ މައްސަލައެއްގައި ރާއްޖޭގެ ފަރާތުން ކޮސޮވޯގެ މިނިވަންކަން ކުއްލި ގޮތަކަށް ބަލައިގަތުމަށް ނިންމުމަކީ އޭރު ރާއްޖޭގެ ފޮރިން މިނިސްޓަރަކަށް ހުންނެވި ބޭފުޅާ އިސްވެ ހުންނަވައި ރިޝްވަތު ނަންގަވައިގެން ނިންމެވި ނިންމުމެއް ކަމުގެ ތުހުމަތަކީ ސީރިއަސް ތުހުމަތެއް ކަމަށެވެ. އެ ތުހުމަތުތަކަށް ބާރު ލިބިދޭ ވާހަކަތަކެއް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތިންވަނަ ދުވަހު ކޮސޯވޯގެ ނިޔު ކޮސޯވޯ އެލަޔަންގެ ލީޑަރު ދައްކާފައިވާ ކަން އެނގެން އޮތް ކަމަށް ނަޝީދު ގަރާރު ހުށަހަޅުއްވަމުން ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވެފައިވަނީ ކޮސޮވޯގެ މިނިވަންކަން ދިވެހިރާއްޖެއިން ބަލައިގަތުމުގައި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުކުރެވިގެން 2009 ވަނަ އަހަރުގެ މާޗް މަހުގެ ފަސްވަނަ ދުވަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މިމައްސަލަ ތަހުގީގުކުރުމަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް މިމައްސަލަ ތަހުގީގުކޮށް ސާފު ނިންމުމެއް ނިންމާފައިވާ ކަން މިހާތަނަށް އެނގިފައި ނުވާތީ ރައްޔިތުންނާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މިގަރާރު ހުށަހަޅުއްވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.