އެކި ޒާތް ޒާތުގެ ރިޕޯޓުތައް ހަދައިގެން އިލްމުވެރިން ޝިކާރަކުރުން ހުއްޓާލުމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ގޮވާލައްވައިފިއެވެ.
ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ގުޅޭ ގޮތުން ދައްކާފައިވާ ވާހަކަތަކާއި ގުޅިގެން ތަފާތު އެކި ފަރާތްތަކުން ޑރ. ޝަހީމަށް ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ. ނަމަވެސް ޑރ. ޝަހީމް ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގު ކުރައްވާފައެވެ.
ޑރ. ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ޝަރުއީ އިލްމް ލިބިފައިވާ ފަނޑިޔާރުން ބޭރުކުރުމަކީ އިސްލާމްދީނާ ދެކޮޅަށް ރޭވިގެން ހިންގޭ އަމަލެއް ކަމަށެވެ.
"ބޭނުން ގޮތަކަށް، ބެލުމެއް ނެތި ޑިއު ޕްރޮސެސް ތިޔަ ނަގާލަނީ. ތިޔައީ ކޮން މެންޑޭޓެއް އޮވެގެން ހިންގާ ކަމެއްތޯ؟ އެކި ޒާތުގެ ރިޕޯޓް ހަދައިގެން ޢިލްމުވެރިން ޝިކާރު ކުރުން ހުއްޓާލާ،" ޑރ. ޖަމީލްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
ޝަރުއީ އިލްމް ލިބިފައިވާ ފަނޑިޔާރުން ބޭރުކުރުމަކީ އިސްލާމްދީނާ ދެކޮޅަށް ރޭވިގެން ހިންގޭ އަމަލެއް ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވާއިރު މިއަދުގެ މަޖިލިސް ޖަލްސާގައި ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރުމަށް ވޯޓަށް އަހާނެއެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް މިއަދު ނިންމުމަށް އެޖެންޑާ ކޮށްފައިވާއިރު އެ މައްސަލައަކީ މިދިޔަ ބުދަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައެކެވެ.