ހުޅުމީދޫގައި ދެމުން ގެންދާ ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ފުޅާ ކުރުމުގެ ގޮތުން އެ ރަށުގައި އިމާރާތް ކުރާ ދެ ބުރީގެ އާ ޕޮލިސް ސްޓޭޝަންގެ ބިންގާ އިއްޔެ އަޅައިފި އެވެ.
އިއްޔެ ހުޅުމީދޫ ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރު އަޙުމަދު ޝަފީޢު އާއި ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް އެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރު އޮފް ޕޮލިސްގެ އިތުރުން ޑިވިޜަނަލް އޮޕަރޭޝަންސްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި މޯލްޑިވްސް ޕޮލިސް ސަވިސްގެ އިސް ބައެއް އޮފިސަރުންނާއި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު ޙުސައިން ޝާހިދު އާއި ހުޅުމީދޫގެ ކައުންސިލް އިދާރާގެ ބޭފުޅުންނާއި ހުޅުމީދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.
މި ރަސްމިއްޔާތުގައި އެކްޓިންގ މިނިސްޓަ އަޙްމަދު ޝަފީޢު ދެއްކެވި ވާހަކަފުޅުގައި ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުމަށާއި ފުލުހުންގެ ޚިދުމަތަށް ރައްޔިތުންގެ ފަރާތުން ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދިނުމަށް އެދިލެއްވި އެވެ.
އިއްޔެ ބިންގާ އެޅިގެން ދިޔަ ޕޮލިސް ސްޓޭޝަނާއި އެކޮމެޑޭޝަން ބްލޮކުގެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީއެންސީ) އާ އެވެ.
ޒަމާނީ ފެންވަރަށް ފަރުމާ ކުރެވިފައިވާ މި ޢިމާރާތްތައް ފަރުމާކޮށްފައި ވަނީ މޯލްޑިވްސް ޕޮލިސް ސަވިސްގެ ފައިނޭންސް ޑިޕާޓްމަންޓްގެ އިންފްރާސްޓްރަކްޗަ ޔުުނިޓްގެ ފަންނުވެރި ފަރުމާ ކުރުންތެރިންނެވެ.