Last Updated: March 28, 21:27
Thursday, March 28, 2024
ޚަބަރު

"މަގާމުން ވަކިކުރަން އުޅޭކަން އެނގުނީ މީޑިއާއިން، ރިޕޯޓެއް ނުލިބޭ"

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކުރަން އުޅޭކަން އެމަނިކުފާނު އެނގިވަޑައިގަތީ މީޑިއާއިން ކަމަށާއި މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމިކަން ބުނާ ނިންމުމާއި ގުޅޭ ރިޕޯޓް ވެސް ލިބިވަޑައިގެންފައި ނުވާ ކަމަށް ފަނޑިޔާރު އާދަމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ޖޭއެސްސީ އަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފަނޑިޔާރު އާދަމް މުހައްމަދު ފޮނުވި ސިޓީއެއްގައި ވިދާޅުވީ ފަނޑިޔާރުކަމުން ވަކި ކުރަން ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައި ވަނީ އުސޫލުތަކުގެ ބޭރުން ކަމަށެވެ. އާދަމް މުހައްމަދު ވިދާޅުވެފައި ވަނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބަލައިފިނަމަ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން ތަހުގީގު ކުރެވުނު މައްސަލައިގެ ރިޕޯޓް އެ ފަނޑިޔާރަކަށް ފޮނުވާ، އެ ރިޕޯޓް ފަނޑިޔާރަށް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި، ރިޕޯޓާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށައަޅަން ބޭނުންވާ ކަންތައްތަކާއި، އެ މައްސަލަ ނިންމުމުގައި ޖޭއެސްސީން ރިއާޔަތް ކޮށްދިނުމަށް އެދޭ ކަންކަން ބަޔާންކޮށް ލިޔުމުން ހުށައެޅުމުގެ ފުރުސަތު މައްސަލަ ރައްދުވާ ފަނޑިޔާރަށް ލިބިގެންވާކަން ސާފުކޮށް ބަޔާން ކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަދާއި ހަމައަށްވެސް އެ ރިޕޯޓު ލިބިފައި ނުވާ ކަމަށާއި މަގާމުން ވަކިކުރަން އުޅޭކަން އެނގިވަޑައިގަތީ މީޑިއާއިން ކަމަށް އޭނާގެ ސިޓީގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ޖޭއެސްސީން މަޖިލީހަށް އެކަން ހުށަހެޅުމުން އެ މައްސަލަ ދިރާސާކޮށް ޖުޑީޝަރީ ކޮމެޓީން ނިންމި ނިންމުމަށް ވޯޓަށް އަހައިފި ނަމަ އެ ހުރިހާ ނިންމުން ވާނީ ޖޭއެސްސީގެ ގާނޫނުގެ 30 ވަނަ މާއްދާއިން ފަނޑިޔާރުންނަށް ލިބިދޭ ހައްގުތަކުން މަހުރޫމްކޮށް ނިންމާފައިވާ ނިންމުންތަކަކަށް ކަމަށްވެސް އެ ސިޓީގައި އާދަމް މުހައްމަދު ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކި ކުރުމުގެ މައްސަލަ މިއަދު އޮންނަ މަޖިލިސް ވޯޓު ގަޑީގައި ކުރިއަށް ގެންދާނެއެވެ.

ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.

އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމަށް ނިންމުމުން އެ ކޯޓުގެ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފްއާއެވެ.