Last Updated: April 23, 17:09
Tuesday, April 23, 2024
ޚަބަރު

އަފްރާޝީމް މަރަކީ ސިޔާސީ ބަޔަކު ކުރި ކަމެކޭ ބުނެފައިވަނީ ހެކި ނެތި: ރިޕޯޓު

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި މިހާރު ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު --

މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައަކީ ސިޔާސީ ފަރާތްތަކެއް އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަދި މިހާރު ތިމަރަފުށީ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ އެއްވެސް ހެއްކެއް ނެތި ކަމަށް އެ މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފިއެވެ.

އަފްރާޝީމްގެ މަރާއި ގުޅިގެން މީގެ ހަތް އަހަރުކުރިން ފުލުހުންގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ރިޔާޒު ވިދާޅުވެފައިވަނީ މިހާތަނަށް އެކަން ބެލި ބެލުމުން، އެއީ ސިޔާސީ ބަަޔަކު އަޑީގައި ތިބެގެން ރަވައިގެން ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއްކަމަށް ފުލުހުން ތަހުގީގަށް ބެލެވޭ ކަމަށެވެ. ނަމަވެސް މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި ބުނެފައިވަނީ އަފްރާޝީމްގެ މަރަކީ، ދީނީ ހިޔާލުތަފާތުވުންތަކުގައި ހައްދުފަހަނަ އެޅި ޖިހާދީ ގުރޫޕަކުން ފަންޑުކޮށްގެން ކުރި ކަމެއް ކަމަށެވެ.

ރިޕޯޓުގައި ބުނީ، ރިޔާޒު އެގޮތަށް ވިދާޅުވި ނަމަވެސް، ހުމާމް ތަހުގީގަށް ބަޔާން ދިން ފަހުން މި މައްސަލައިގައި ބަންދުކުރި ރީކޯ މޫސާގެ ދަނބިދަރި މ. ޖަރީމާގޭ އަބްދުﷲ ޖާބިދު (ޖާ)ގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިޔުމުން މައްސަލަ ބައްލަވާ ގާޒީ ތަކުރާރުކޮށް އެކަމުގައި އެއްވެސް ހެއްކެއް ހުރި ނަމަ ހުށަހެޅުމަށް އެންގެވުމުން އެފަދަ އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އެއްވެސް ހެއްކެއް ނެތުމުގެ ސަބަބުން ކޯޓުން ޖާ ވަނީ ދޫކޮށްލާފައިއެވެ. އެހެން ކަމުން ޑރ. އަފްރާޝީމް އަވަހާރަކޮށްލީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ ބޭނުމެއްގައި، ސިޔާސީ ވިސްނުމެއްގައި ކަމަށް ބުނާ ބުނުމަށް ބާރު ލިބޭ އެއްވެސް ހެއްކެ ނެތް ކަމަށް މަރު ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ކޮމިޝަންގެ ރިޕޯޓުގައި ރިޔާޒު އެފަދައިން ވިދާޅުވެފައިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވޭ ހ. ލޮބީ، ހުސައިން ހުމާމްގެ ބަޔާނުގައި ޑރ. އަފްރާޝީމް މަރާލުމަށްޓަކައި ހަރަދުކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސަ) ކަމަށް ބުނެފައިވާތީ ކަމަށް ބުނެފައިވެއެވެ. އަދި ހުމާމަށް އެފައިސާ ހަވާލުކުރީ ޖާ ކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް ހުމާމުގެ ބަޔާނުގައި އެފަދަ އެއްވެސް ފައިސާއެއް އޭނާއަށް އެކަން ކުރުމުގެ ކުރިންވެސް އަދި ފަހުންވެސް ލިބިފައިވާ ކަމަކަށް ބުނެފައެއް ނުވެއެވެ.