Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކިކުރި މީހުންނަށް ބަދަލުގެ ގޮތުގައި 6.8 މިލިއަން

ބަންޑާރަ ނާއިބު ރިފްއަތަށް މަގާމުގެ ލިޔުން ރައީސް ސާލިހް ހަވާލު ކޮށްދެއްވަނީ --

ސިޔާސީ ބޭނުމަށް ވަޒީފާއިން ވަކިކޮށްފައިވާ އެކި ފަރާތްތަކަށް 6.8 މިލިއަން ރުފިޔާގެ ބަދަލު ދައުލަތުން ދީފައިވާ ކަމަށް ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އެޓަރނީ ޖެނަރަލް އެގޮތަށް ވިދާޅުވީ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުސާނަބަތުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.

ބަންޑާރަ ނައިބް ވިދާޅުވީ ސިޔާސީ ސަބަބުތަކަށްޓަކައި އެތައް ބައެއްގެ ވަޒީފާ ނިގުޅައިގެންފައިވާ ކަމަށާއި އެގޮތުން ދެ ފަރާތުގައި ދެމެދުގައި ކޮންޓްރެކްޓެއް ހެދިފައި އޮންނައިރު ކޮންޓްރެކްޓުން ސަރުކާރުގެ އިދާރާއަކަށް ނުވަތަ ސަރުކާރަށް ލާޒިމް ކުރާ އިލްތިޒާމްތަކާ ހިލާފަށް ވެސް މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އެފަދަ ސަބަބުތައް ޝަރީއަތުގެ މަރުހަލާގައި ފާހަގަކުރެވި ވަޒީފާ އަދާ ކުރާ މީހުންގެ ރައްކާތެރިކަމާއި މާލީ އިނާޔަތްތައް ފޯރުކޮށްދީފައި ވާނެ ކަމަށް ވެސް ބަންޑާރަ ނައިބް ފާހަގަ ކުރެއްވި އެވެ. އޭގެ އިތުރުން މިހާތަނަށް ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނަށް 6.8 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފަދަ 74 މައްސަލައެއް ހުށަހެޅި، ގިނަ މައްސަލަތަކެއް ކޯޓުން ބޭރުން ނިންމުމަށް ވެސް މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް ބަންޑާރަ ނައިބް ވިދާޅުވި އެވެ.

ރައީސް އޮފީހުން އިއްޔެ ހާމަކުރި ގޮތުގައި ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ 100އަށްވުރެ ގިނަ މީހަކަށް އިންސާފު ހޯދައިދީފައިވާ ކަމަށެވެ. އެފަދަ މައްސަލަތައް ހުށަހެޅުމަށް ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހެވެ. މައްސަލަތަށް ހުށަހެޅުމަށް ސަރުކާރުން ދިނީ 30 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތުގައި 451 މައްސަލަ ރައީސް އޮފީހަށް ވަނީ ހުށަހަޅާފައެވެ.