Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

ލަންކާގައި ހަމަޖެހުން އޮތުމަކީ ރާއްޖެއަށް ފައިދާ ކުރާނެ ކަމެއް: ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

އަވަށްޓެރި ސްރީލަންކާގައި ހަމަޖެހުމާއި ފާގަތިކަން ޤާއިމްވެފައި އޮތުމަކީ ރާއްޖެއަށް ފައިދާކުރާނެކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ގޯތަބަޔާ ރާޖަޕަކްސައަށް މަރުހަބާ ދަންނަވައި، ކުރެއްވި ޓްވީޓެއްގައެވެ. އަދި ވެރިކަން ބަދަލުވުމުގެ މަރުޙަލާ ރާއްޖެއާއި ލަންކާގައި އަމާންއޮމާންކޮށް ކުރިއަށްދާތީ އުފާކުރައްވާކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. ލަންކާގައި އަލަށް އުފެދިގެން އަންނަ އާ ސަރުކާރާއެކު މަސައްކަތްކޮށް، ދެޤައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ލަންކާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތް ގޯތަބަޔާ ރާޖަޕަކްސައާ މިދިޔަ މެއި މަހު މިނިސްޓަރ ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބައްދަލުކުރައްވާފައެވެ.

ލަންކާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ގޯޓާބަޔަ ކާމިޔާބު ކުރެއްވީ ޔުނައިޓެޑް ނެޝަނަލް ޕާޓީ (ޔޫއެންޕީ)ގެ ސަޖިތު ޕްރަމަދާސާއާ ވާދަކޮށްގެންނެވެ. އެގޮތުން ސަޖިތުގެ މައްޗަށް ގޯޓާބަޔަ ކުރި ހޯއްދެވީ 13 ލައްކައަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ.

ރިޔާސީ އިންތިހާބުގައި 15.9 މިލިއަން މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު އިރު އޭގެ ތެރެއިން 80 ޕަސަންޓެއްހާ މީހުން ވޯޓުލާފައިވާ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

އުމުރުފުޅުން 70 އަހަރު ގޯޓާބަޔަ އަކީ ލަންކާގެ ހަތްވަނަ ރައީސެވެ. އޭނާ މިއަދު ވަނީ ރައީސްކަމުގެ ހުވާ ކުރައްވާފައެވެ.