Last Updated: April 26, 10:52
Friday, April 26, 2024
ސިޔާސީ

ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފި

އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަޖިލީހުން މިގޮތަށް ނިންމީ ދެ ފަނޑިޔާރުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑީޝަރީ ކޮމެޓީންވެސް އެގޮތަށް ނިންމާފައިވުމުން މިއަދު މަޖިލީހުގައި ނެގި ވޯޓުންނެވެ. މި ވޯޓުގައި ދެ ފަނޑިޔާރުން ވަކިކުރީ 69 މެންބަރުންގެ ވޯޓުންނެވެ.

މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލައެކެވެ. މި މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑީޝަރީ ކޮމެޓީން ވެސް ވަނީ މ ދެބޭފުޅުން ވަކި ކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ނިންމާފައެވެ.

ޖޭއެސްސީން ބުނީ މި ދެ ބޭފުޅުން ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމީ، އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ކޮމިޝަނުން ތަހުގީގުކުރި ސުލޫކީ މައްސަލަތަކާ ގުޅިގެން ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތަކެއް އެ ދެ ބޭފުޅުން ކޮށްފައިވާ ކަމަށް ޖޭއެސްސީގެ ތަހުގީގު ކޮމިޓީއަށް ފެންނާތީ ކަމަށެވެ.

އަދި އެ ދެ ބޭފުޅުންގެ މައްޗަށް ސާބިތުވެފައިވާ ކަންކަމަކީ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއް ކަމަށް ވާތީ މި ދެ ބޭފުޅުން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމީ ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން އުއްތަމަ ފަނޑިޔާރު ސަސްޕެންޑު ކުރުމަށް ނިންމުމުން އެ ކޯޓުގެ ހިންގުން މިހާރު ހަވާލު ކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ އަރީފްއާއެވެ.