Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޖަމިއްޔާތައް ރަޖިސްޓްރީ ކުރުމުގެ ބާރު ރައީސަށް ލިބިދޭ ބިލު ހުށަހަޅައިފި

މަޖިލިސް ޖަލްސާއެއްގެ ތެރެއިން --

ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ބާރު ރައީސަށް ލިބޭ ގޮތަށް، ޖަމިއްޔާތަކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހުށަހަޅައިިފި އެވެ.

ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި އެ ބިލްގެ އިބްތިދާއީ ބަހުސްގައި ވިދާޅުވީ އާ ބިލާއެކު ރަޖިސްޓްރާ ކަނޑައަޅާނީ ރައީސް ކަމަށް ވިޔަސް ރަޖިސްޓްރާ ޖަވާބު ދާރީވާން ޖެހޭނީ މިނިސްޓަރަކަށް ކަމަށެވެ.

ބިލުގައި އިތުރަށް ބުނެފައިވަނީ އެއްވެސް ޖަމިއްޔާއަކުން ޖިނާއީ އެއްވެސް ކުށެއް ކޮށްގެން ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ އަސްކަރީ ތަމްރީނެއް ނުވަތަ ހަރަކާތެއްވެސް ހިންގައިގެން ނުވާނެ ކަމަށެވެ. އަދި ގާނޫނުން ލިބިދޭ ބާރުތަކުގެ ބޭރުން އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލްގައި ދެ ޖަމްއިއްޔާއެއް އެއްކޮށްލާނަމަ އަމަލުކުރަންޖެހޭނެ އުސޫލުތައް ބަޔާންކޮށްފައިވެ އެވެ. އަދި ރާއްޖެއިން ބޭރުގައި ރަޖިސްޓަރީކޮށްފައިވާ ޖަމްއިއްޔާއަކުން ރާއްޖޭގައި ހަރަކާތްތައް ހިންގުމަށް ބޭނުންވެއްޖެނަމަ، އަމަލުކުރަންވީ އުސޫލުތައް ވެސް ބަޔާންކޮށްފައިވެއެވެ.

އޭގެއިތުރުން، ޖަމްއިޔާތަކުގެ މާލީ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ޖަމްއިއްޔާގެ ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކިއެކި މުއާމަލާތް ހިންގުމާއި، ޖަމްއިއްޔާތަކުގެ ދަރަންޏާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ބިލުގައި ބަޔާންކޮށްފައިވެ އެެވެ.

ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލުކުރާ ޖަމްއިއްޔާތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ އުސޫލުތަކާއި، މި ގާނޫނުގައި މަނާކަމެއް ކަމަށް ބަޔާކޮށްފައިވާ ކަމެއް ޖަމްއިއްޔާއަކުން ކޮށްފިނަމަ، އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް، އެ އަމަލެއް ހުއްޓުވުމަށް ނުވަތަ ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުގެ ބާރު ޖަމްއިއްޔާގެ ރަޖިސްޓްރާރަށް ދިނުމަށް ވެސް ބިލްގައި ހިމަނާފައިވެ އެވެ.

މިހާރު އަމަލު ކުރަނީ 2003 ވަނަ އަހަރު އަމަލުކުރަން ފެށި ޖަމިއްޔާތަކާ ގާނޫނަށެވެ. ސަރުކާރުން އަލަށް އެކުލަވާލި ބިލް ފާސްވުމާ އެކު، ކުރީގެ ގާނޫނު އުވޭނެއެވެ.