ތިލަފުށީގައި ކެމިކަލް ގުދަން އެޅުމުގެ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރި އިރު، އެ ކުންފުނިން ހުށަހެޅި އަގަށްވުރެ ހެޔޮ އަގެއް އެހެން ކުންފުންޏަކުން ހުށަހެޅިކަން ހާމަވެއްޖެއެވެ.
އެސްޖޭއަށްވުރެ އަގުހެޔޮކޮށް ހުށަހެޅި ކުންފުނިން ވަނީ ހަތަރު މިލިއަން ރުފިޔާ އަގުހެޔޮކޮށް ބިޑު ހުށަހަޅާފައެވެ.
މާލޭގައި ހުރި ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެންގެވުމުން، އެ ގުދަންތައް ބަދަލުކުރަން ނިންމީ ތިލަފުއްޓަށެވެ. އެރަށް ބަލަހައްޓާ ޖީއެމްއައިޒެޑްއެލްއިން ފުރަތަމަ އެ މަސައްކަތް ހަވާލުކުރީވެސް ބިޑު ކުރުމެއް ނެތިއެވެ. އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ހުއްޓުވިއެވެ. ފަހުން އެ މަސައްކަތް ކުރިއަށް ގެންދިޔައީ ބިޑު ޕްރޮސެސްއާއި އެކުގައެވެ.
އެ މަސައްކަތް ޖީއެމްއައިޒެޑްއެލް އިން އެސްޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރީ 9.5 މިލިއަން ރުފިޔާއަށެވެ. އެއީ 60 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ.
އެ މައްސަލައާ ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް މި މަހުގެ ހަ ވަނަ ދުވަހު ފޮނުވި ސިޓީއެއްގެ މައްސަލަ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީން މިއަދު ބެލިއެވެ. އެ ސިޓީގައި އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ފާހަގަކުރައްވާފައި ވަނީ ބިޑު ނުކޮށް ގުދަން އަޅަން ހަވާލުކުރި މައްސަލަ ބަލަމުންދާ ކަމަށެވެ.
އޭސީސީގެ ރައީސް ވިދާޅުވީ އާންމުކޮށް އިއުލާނުކޮށްގެން މަސައްކަތް ކުރިއަށް ގެންދަން ކޮމިޝަނުން ސެޕްޓެމްބަރު 30ގައި ޖީއެމްއައިޒެޑްއެލްއަށް އެންގި ނަމަވެސް ޓެންޑަރުކުރުމުގެ ހުރިހާ ކަމެއް ކުރާނެ ގޮތް ކަނޑައެޅީ އެންގުމާ ހިލާފަށް ކަމަށެވެ. އަދި ޖީއެމްއައިޒެޑްއެލްއިން މަސައްކަތަށް އިއުލާނުކުރީވެސް ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ ހިލާފަށްކަން ފާހަގަވެފައިވާ ކަމަށް ސިޓީގައި އޭސީސީގެ ރައީސާ ވިދާޅުވިއެވެ.
ޕްރޮކިއުމަންޓް ޕޮލިސީގައި އޮންނަ ގޮތުން އެފަދަ އިއުލާނުތައް ކުރާނީ ވެބްސައިޓާއި ގެޒެޓު އަދި އެހެން މުއާސަލާތީ ވަސީލަތްތައް މެދުވެރިކޮށްކަން ބަޔާންކޮށްފައި އޮތް ނަމަވެސް އެ އިއުލާނުކުރީ ހަމައެކަނި ކުންފުނީގެ ވެބްސައިޓުގައި ކަމަށާއި، ބިޑު ހުށަހެޅުމަށް މަދުވެގެން ރަސްމީ 7-3 ދުވަހުގެ މުއްދަތެއް ދޭންޖެހޭ ނަމަވެސް އެކަމަށް ދިނީ އެންމެ ތިން ދުވަސްކަމަށް އޭސީސީގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
ބިޑު އިވެލުއޭޝަނުން އެއްވަނައަށް ދިޔަ އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި އަގަކީ 7.7 މިލިއަން ރުފިޔާ ނަމަވެސް އެއަށް ވުރެ ހެޔޮ އަގު ހުށަހެޅި ކުންފުންޏެއްވެސް އޮތްކަން އޭސީސީން ފާހަގަކުރިއެވެ. އެއީ އޭޖޭއީ ކޯޕަރޭޓް ޕްރައިވެޓް ލިމިޓެޑެވެ. އެކުންފުނިން ހުށަހެޅީ 3.4 މިލިއަން ރުފިޔާގެ އަގެއް ކަމަށް އޭސީސީގެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
އޭސީސީން ބުނީ ބިޑު އިވެލުއޭޝަން ޝީޓުގައި އޮތް ގޮތުން އެ މަސައްކަތް ކުރުމަށް އޭޖޭއީ ކޯޕަރޭޓް ޕްރައިވެޓް ލިމިޓެޑަށް ހަވާލުކުރުމަށް އިވެލުއޭޝަން ކޮމިޓީން އިރުޝާދު ދިން ނަމަވެސް، އޭގެ ހަތަރު މިލިއަން ރުފިޔާ އަގުބޮޑުކޮށް އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާކަން ތަހުގީގަށް އެނގޭ ކަމަށެވެ.
މަޖިލީހުގެ ސަރުކާރު ކުންފުނިތަކާ ބެހޭ ކޮމިޓީން މިއަދު ނިންމާފައި ވަނީ އެކަންތައްކާ ގުޅޭގޮތުން ކުންފުނީގެ ބޯޑު ބުދަ ދުވަހު ކޮމިޓީއަށް ހާޒިރުކޮށް ސާފުކުރަން ޖެހޭ ކަންކަން ސާފުކުރުމަށެވެ.