އިންކަމް ޓެކްސްގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި އެ ބިލް ބަލައި ގަތުމަށް ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 69 މެންބަރުންގެ އިއްތިފާގުންނެވެ.
އިންކަމް ޓެކްސްގެ ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެެ ގޮތުގައި 8 ޕަސެންޓު ނެގުމަށް ވަނީ ހުށަހަޅާފައެވެ.
ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބްރެކެޓްސް
އާމްދަނީ 40،000-0 ލިބޭ ފަރާތްތައް – ޓެކްސް ނުނަގާނެ
އާމްދަނީ 60،000-40،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓް
އާމްދަނީ 100،000-60،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް
100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް
އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.
އެގޮތުން އިންކަމް ޓެކްސްގެ ބިލު މިއަހަރުތެރޭ ފާސްވުމުން އަންނަ އަހަރު އެ ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.