Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ސުޕްރީމް ކޯޓުން ގާނޫނާ ހިލާފަށް ކޮށްފައިވާ ކަންކަމާއި ގުޅޭ ރިޕޯޓު ފާސްކޮށްފި

ސުޕްރީމް ކޯޓުން ގާނޫނާއި ހިލާފަށް ނިންމާފައިވާ މައްސަލަތަކާއި، ގަވާއިދުތައް އެކުލެވޭ ގޮތަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތައްޔާރު ކުރި ރިޕޯޓު ޖުޑިޝަރީން ކޮމެޓީން ދިރާސާ ކުރި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައި ވަނީ 66 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ރިޕޯޓު ފާސް ކުރަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވިއެވެ.

ޖޭއެސްސީއިން އެކުލަވާލި ރިޕޯޓުގައި ބުނެފައި ވަނީ އެ ރިޕޯޓުގައި ހިމަނާފައިވާ މައްސަލަތަކަކީ ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލިކަމަށް ބުނާ މައްސަލައާއި ޖޭއެސްސީގެ ބާރު ކަނޑުވާލި ކަމަށް ބުނާ މައްސަލައާއި އެހެނިހެން ދައުލަތުގެ ބާރުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައިވާ މައްސަލަތައް ދިރާސާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.

ރިޕޯޓުގައި އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ބާރު ކަނޑުވާލުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގެ މައްސަލަ އެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ޖޭއެސްސީއިން ނިންމި ނިންމުމަށް ގޮންޖަހައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ވާހަކައެވެ. އަދި ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރުމަށް ނިންމާފައިވާ ނިންމުމަކީ ޖޭއެސްސީއަށް ގާނޫނުއަސާސީއާއި ގާނޫނުތަކުން ލިބިދީފައިވާ ބާރުތަކުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުން ނިންމާފައިވާ މައްސަލަތަކަކީވެސް ބާތިލު މައްސަލަތަކެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކެއް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ގާނޫނުއަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމި މައްސަލަތައް:

• ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21 ވަނަ މައްދާގެ (ބ) އުވާލައި، އަދުލު އިންސާފު ގާއިމް ކުރުމުގެ އިދާރީ ކަންކަން ހިންގައި ބެލެހެއްޓުމާ ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
• ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ އަށް ވަނަ ބާބުގެ 82 ވަނަ މާއްދާއިން ފެށިގެން 94 ވަނަ މާއްދާގެ ނިޔަލަށް އުވާލުން
• ވަކީލުންގެ ކަންކަން ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި ސުޕްރީމް ކޯޓުން އަމިއްލައަށް ހަވާލުވުން
• ގާނޫނީ ވަކީލުންނަށް ރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން މަނާ ކުރުން
• އިސްތިއުނާފު ކުރުމުގެ މުއްދަތު ކުޑަކޮށް އެ މުއްދަތާ ގުޅޭގޮތުން ކޯޓުތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނާއި މައުލޫމަތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލު ކުރުން
• ދަށު ކޯޓުތަކުގެ ގާޒީން އެއްކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގަވައިދެއް ހަދައި، ގާނޫނުގެ ދަށުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ދީފައިވާ ބާރު ނެގުން
• ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނާ ހިލާފަށް ފަނޑިޔާރަކު މަސްއޫލިއްޔަތުން އެކަހެރި ކުރުން
• އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އަދި އެ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަންގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ކަނޑައަޅައި މަގާމުން ވަކިކުރުން
• އެޗްއާރުސީއެމްގެ ބާރު ކަނޑުވާލައި ސުޕްރީމް ކޯޓުން އިސް ނަގައިގެން އެ ކޮމިޝަނުގެ މައްޗަށް ސުމޯޓޯ ހިންގުން އަދި އެ ކޮމިޝަނުން އަމަލު ކުރަން ޖެހޭ ގައިޑްލައިން ކަނޑައެޅުން
• ސިވިލް ސާވިސް ކޮމިޝަނުގެ ކުރީގެ ރައީސް މުހައްމަދު ފަހުމީ ހަސަން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލު ކުރުން
• ފަނޑިޔާރުންގެ ފެންވަރު ބެލުމުގެ މަސައްކަތް ނުކުރުމަށް ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް އަންގައި އެ ކޮމިޝަނުގެ ގާނޫނީ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅުން
• ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ޕާޓީއިން ވަކިވުމުން ނުވަތަ އެހެން ޕާޓީއަކަށް ސޮއިކުރުމުން މެމްބަރު ކަމުން ވަކިވާނޭ ކަމަށް ކަނޑައެޅުން
• މަޖިލީހުން ނިންމާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ސައްހަވާނީ ސުޕްރީމް ކޯޓުން ބަލައި ގޮތެއް ކަނޑައެޅުމުން ކަމުގައި ކަނޑައެޅުން
• އެކެއް ފެބުރުއަރީ 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރުގެ ބައިތައް ހަމަ އެ ކޯޓުން ބާތިލު ކުރުން
• ސުޕްރީމް ކޯޓުން ސާކިއުލަތަކާއި އާންމު ސިޓީތައް މެދުވެރިކޮށް އެހެން ކޯޓުތަކުގެ އިދާރީ ހިންގުމާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ އުސޫލުތަކާއި ރައްޔިތުން ތަބާވުން ލާޒިމު ގާނޫނު ހެދުން

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އޭރުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްސަލަ ހައިކޯޓުން ނުބަލަން ނިންމިތާ ހަތްމަސް، އިސްތިއުނާފު މުއްދަތުވެސް ހަމަވީ ފަހުން، ސުޕްރީމް ކޯޓަށް މައްސަލަ ބަލައިގަނެ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު އަނެއްކާ ތިން އަހަރު ފަހުން އެ ހުކުމް ބާތިލު ކުރީވެސް ގާނޫނުއަސާސީއާ ގާނޫނުތަކާއި ހިލާފަށް ކަމަށް ޖޭއެެސްސީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެމައްސަލަތަކުގައި ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ގާނޫނުތަކާ ހިލާފު ވެފައިވަ ގޮތުގެ ތަފްސީލުވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.