Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބާރުތަކުގެ ބޭނުން އަންނަނީ ނަހަމަ ގޮތުގައި ހިފަމުން، މިކަން ހުއްޓުވައިދީ

ޕީޕީއެމް ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ / ޕްރޮގްރެސިވް ކޯލިޝަން

ބާރުތަކުގެ ބޭނުން ނަމަހަ ގޮތުގައި ހިފައިގެން މި ސަރުކާރުން ކުރަމުން ގެންދާ ކަންކަން ހުއްޓުވައި ދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން އިނގިރޭސި ބަހުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މި ސަރުކާރުން ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.

ކޯޓުތަކަށް ނުފޫޒު ފޯރުވަމުން ގެންދަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުރެގެންކަން ފާހަގަކޮށް ޕީޕީއެމް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ބޭރުކޮށް އާ ފަނޑިޔާރުން އައްޔަނުކުރަމުން ގެންދަނީވެސް އެމަނިކުފާނު އަޑީގައި ހުންނަވައިގެން ކަމަށްވެސް ބަޔާނުގައިވެއެވެ.

އަދި އެމަނިކުފާނު އިސްވެ ހުންނަވާ ސަރުކާރުން ހިންގާ މައިޕާޓީ އެމްޑީޕީއަށް މަޖިލީހުގައި ލިބިފައިވާ މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުން ކުރައްވަމުން ގެންދަވާ ކަމަށްވެސް ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ މަޖިލީހުގައި އޮތް މެޖޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ.

މި ބަޔާނުގައި އިދިކޮޅު ފަރާތްތަކުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމް ނެރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތުކޮށްފައެވެ. ރައީސް ޔާމީނުގެ މައްސަލައިގެ ހުކުމް މިމަހުގެ 28 އަށް ތާވަލުކޮށްފައިވާއިރު، އެ ދުވަހު ކުރާ ހުކުމަކީ އިންސާފުވެރި ހުކުމަކަށް ނުވާނެކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.