Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި

ޕީޖީ އައިޝަތު ބިޝާމް: - ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސެކިއުޓަރު ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޕީޖީ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު މިއަދު ވަނީ އެކަމަނާ މަގާމުން ވަކި ކުރުމުގެ މަސައްކަތް ޖުޑީޝަރީ ކޮމެޓީން ފަށާފައެވެ. މިއީ އެ މަސައްކަތް ފަށާ ދެވަނަ ފަހަރެވެ. މަޖިލީހުގެ އާ ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު މަގާމުން ވަކިކުރާނަމަ، އެކަން މަޖިލީހުުގެ ރައީސްގެ ސަމާލުކަމަށް ގެންނަވަން ޖެހެއެވެ. އެއަށްފަހު މަޖިލީހުގެ ރައީސް އެކަން މަޖިލީހަށް އިއުލާން ކުރައްވަން ޖެހެއެވެ.

އެގޮތުން މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް އެ މަގާމުން ވަކިރުމަށް ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. ޒަރީރު ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

19 ވަނަ މަޖިލިސް ފެށުނުފަހުން މިނިވަން ބައެއް މުއައްސަސާތަކުގައި ތިއްބެވި އިސްވެރިން ވަކިކުރަން ކޮމިޓީތަކުން ފާސްކޮށްފައިވާއިރު ޕީޖީ ބިޝާމް މަގާމުން ވަކި ނުކުރާތީ ބައެއް އާއްމުން އަންނަނީ ސޯޝަލް މީޑިޔާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.