Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ރައީސް ތަފާތު ދައްކަވައިފި: ގާސިމް

ރައީސް ސޯލިހު އާއި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް - ފޮޓޯ: ރައީސް އޮފީސް

ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަފާތު ދައްކަވާފައިވާ ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއާއި މެންބަރުންތަކެއް ގުޅުމަށް ބޭއްވި ޖަލްސާއެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކޯލިޝަން ސަރުކާރެއް އެއް އަހަރަށް ވެސް ދެމެހެއްޓެވި ރައީސަކީ ރައީސް ސޯލިހު ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއެކީ ކަންތައްްކުރެއްވުމުގެ މާތް ވިސްނުން އެމަނިކުފާނު ގެންގުޅުއްވާތީ، އެކަމަށްޓަކައިވެސް ރައީސަށް މަރުހަބާ ދަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ގެނައުމުގައި އަދި 2013 ވަނަ އަހަރު ޕީޕީއެމްގެ ސަރުކާރެއް ގެނައުމުގައި ޖުމްހޫރީ ޕާޓީން އެތައް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ކޯލިޝަނުން އެޕާޓީ ބޭރު ކުރުމަށްފަހު އެޕާޓީގެ ސްލޮޓުތަކުގައި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް މަޖުބޫރު ކުރުވައިގެން ޕާޓީ ބަދަލު ކުރުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިހެން ދަންނަވާއިރުވެސް ތިޔަ ބޭފުޅުން ޔަގީންކުރައްްވާ އެ ތަފާތުކޮށް އެކި މީހުންނަށް އެކި ގޮތްހަދާ، މީހުންނަށް އަނިޔާވެރިވާން ފަށައިފިއްޔާ އަޅުގަނޑުގެ އަނގައި މި ބަސް ނުނިކުންނާނެ. މި ބަސް ބަދަލުވެގެންދާނެ. އެއީ ކޮންމެހެން އަޅުގަނޑު އެޑްވާސްކޮށް ދައްކަންޖެެހޭ ވާހަކައެއް ނޫން." ގާސިމް ވިދާޅުވިއެެވެ.

ގާސިމް މިރޭވެސް ވަނީ 2023ވަނަ އަހަރު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ދައްކަވާ ވާހަކަތައް ތަކުރާރު ކުރައްވާފައެވެ. ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަނުކުރާ ކަމަށްވާނަމަ އެޕާޓީ ބޮޑުކޮށް މެންބަރުން އިތުރު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.