އަވަސް އިންތިހާބު ބޭއްވުމާއި ބަގާވާތް ކުރުމަކީ ތަރައްގީއަށް އެޅިގެންދާނެ ހުރަހެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަވަސް އިންތިހާބެއް ބޭއްވުމަކީ ސިޔާސީ ކޯޅުން އިތުރަށް ބޮޑުވެ ސުލްހަ މަސަލަސްކަން ގެއްލިގެން ދާނެ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ މަސައްކަތް ކުރަންވީ ސަރުކާރުގެ ދުވެލި ހަލުވިކޮށް ކޮރަޕްޝަން މަދުކޮށް ޖުޑީޝަރީ ހައިޖެކްކޮށް ހަރުދަނާ ކުރުން ކަމަށެވެ.
އޭނާ މިފަދައިން ވިދާޅުވެފައި މިވަނީ ދެހާސް އަށާރަވަނަ ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިހާބަކީ ގާނޫނުއަސާސީއާ ހިލާފަށް ބޭއްވުނު ރިޔާސީ އިންތިހާބެއް ކަމަށްބުނެ އަވަސް އިންތިހާބެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހަށް ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ގަރާރެއް ހުށަހެޅުމުންނެވެ.
ޖާބިރުގެ ގަރާރުގައި ބުނެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސްކަމުގެ މަގާމަށް އިންތިހާބުވީވެސް ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލާ ކަމަށާއި ރާއްޖޭގައި ބޭއްވޭ ކޮންމެ ރިޔާސީ އިންތިހާބަކީ އުފެދިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ބައިވެރިވެވޭ އިންތިހާބަކަށް ވެސް ވާންޖެހޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ގަރާރުގައި ވަނީ އަވަސް މުއްދަތެއްގައި އަލުން ރިޔާސީ އިންތިހާބެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ގޮވާލައިފައެވެ.