Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

އައްޑޫ މެރަތަން ބާއްވަން "އައި ރަނާސް"އަށް ކައުންސިލުން 130،000 ރުފިޔާ ދެނީ!

އައްޑޫގެ ޑެޕިއުޓީ މޭޔަ ޔަސްރިފް އަދި އައި ރަނާސްގެ ފައުންޑަރ ހަސަން ޝުޖާއު، މިދިޔަ އަހަރު ބޭއްވި އައްޑޫ މެރަތަންގެ ކިޓު ހަވާލު ކުރަނީ.

އަންނަ ޑިސެމްބަރު މަހު ބާއްވާ "އައްޑޫ މެރަތަން" ސްޕޮންސާ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން 130،000 ރުފިޔާ "އައި ރަނާސް"އަށް ދިނުމަށް ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ ތިން ވަނަ ދައުރުގެ 114 ވަނަ ޖަލްސާއިންނެވެ.

ކައުންސިލުން ބުނީ "އައި ރަނާސް"އިން އައްޑޫ މެރަތަން އަށް ސްޕޮންސާ ހޯދުމަށް ހުށަހެޅުމުން ކައުންސިލްގެ 6 މެމްބަރުން ބައިވެރިވި ޖަލްސާގެ 4 މެމްބަރުންގެ ވޯޓާއި އެކު ފާސްވެފައިވާ ކަމަށެވެ. މި މައްސަލަ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފްއެވެ. ތާއިދު ކުރެއްވީ ހިތަދޫ މެދު ދާއިރާގެ ކައުންސިލަރު ޖަމްޝީދާ މުހައްމަދުއެވެ.

އައި ރަނާސްގެ ޓީމު ކައުންސިލާއި ބައްދަލު ކުރުމަށް ފަހު ނަގާފައިވާ ފޮޓޯއެެއް، ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

މި ނިންމުމާއި ދެކޮޅަށް ވޯޓު ދެއްވާފައިވަނީ މީދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ހިޔާޟު އާއި ހުޅުދޫ ކައުންސިލަރު އިބްރާހިމް ޝުކުރީއެވެ.

އައި ރަނާސްއަށް 130،000 ރުފިޔާގެ ސްޕޮންސާއެއް ކައުންސިލުން ދިން އިރު މިއީ މިހާތަނަށް އައްޑޫގެ ކުޅިވަރު ހަރަކާތަކަށް ކައުންސިލުން ހަމަޖެއްސި އެންމެ ބޮޑު އަދަދުގެ ފައިސާއެވެ. ކައުންސިލުން ދާދި ފަހުން ބާއްވަން ނިންމި ސަދަން ފުޓްބޯޅަ ލީގަށްވެސް ކައުންސިލުން ހަމަޖައްސާފައިވަނީ 100،000 ރުފިޔާއެވެ.

އައި ރަނާސް އަކީ ދުވުންތެރިން ތަމްރީނު ކުރުމާއި ދުޅަހެޔޮ ރައްޔިތަކު އުފެއްދުމަށް 2015 ވަނަ އަހަރު އުފައްދާފައިވާ ފަރުދުންގެ ވިޔަފާރިއެކެވެ. އައި ރަނާސްގެ ފަރާތުން އަންނަނީ މެރަތަން މުބާރާތްތައް ބާއްވަމުންނެވެ. އެގޮތުން އައްޑޫ، ފުވައްމުލައް އަދި ލާމުގައި މެރަތަން ދުވުން ބާއްވާފައިވާ އިރު މޯލްޑިވްސް އިންޓަނޭޝަނަލް މެރަތަންގެ ނަމުގައި މެރަތަން ސީރީސް ބާއްވަމުން އަންނަ ބައެކެވެ.

މިހާތަނަށް އައްޑޫގައި އައި ރަނާސްގެ ފަރާތުން ވަނީ ދެ މެރަތަން ދުވުން ބާއްވާފައެވެ.