Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަޖިލީހަށް ދޮގު ހެއްދެވިކަމުގެ ތުހުމަތު!

މަޖިލިސް ޖަލްސާގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު --

ބޭރު ގައުމުތަކުން ކިޔަވައިގެން ހަރުކަށި ފިކުރުތަކާ އެކު މީހުން ރާއްޖެ އަށް އަންނަކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވުމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެމްބަރުންގެ ފާޑުކިޔުމާއި ނުރުހުން އަމާޒުވެއްޖެއެވެ.

ސުވާލުކުރުމުގެ ވަގުތުގައި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް ސުވާލުކުރެއްވީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތައް ކިޔަވަން ދަނީ ކޮންކޮން ގައުމުތަކަކަށް ކަން ހަޔަ އެޑިއުކޭޝަން މިނިސްޓްރީ އަށް އެނގޭތޯ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން މިނސްޓަރު ވިދާޅުވީ އެފަދަ ދިރާސާއެއް މިހާތަނަށް ހެދިފައި ނުވާ ކަމަށާއި ވަކި ގައުމަކުން ކިޔަވައިގެން އަންނަ މީހުންގެ ތެރޭގައި ހަރުކަށި ފިކުރު އޮންނަކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އެ ޑޭޓާއެއް އަޅުގަނޑުމެން އަތުގައި ނެތް. ހަރުކަށި ފިކުރު ގެންގުޅޭ ފަރާތްތަކުން މަތީތައުލީމު ހާސިލް ކޮށްގެން އަންނަނީ ކޮން ފަރާތަކުންތޯ؟ އަޅުގަނޑަށް ނޯޓު ކުރެވުނީ ރަނގަޅަށް ކަމަށް ވަންޏާ އެކަހަލަ ދިރާސާއެއް މިހާތަނަށް ހެދިފައެއް ނެތް. ވަކި ގައުމަކުން ކިޔަވައިގެން އަންނަ މީހުންގެ ތެރޭގަ ދީނީ ހަރުކަށި ފިކުރު ތަންކޮޅެއް ބޮޑަށް އެބަހުއްޓޭ އެވަރަކަށް ދިރާސާ ކުރެވިފައެއް ނެތް. އެވަރަށް ދިރާސާ ކުރެވިފައި ނެތި ގައުމެއްގެ ވާހަކަ ދެއްނެވުން ވާނީ އަޅުގަނޑަށް ހީވަނީ ވާނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްހެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ރައީސް ވަނީ އެމަނިކުފާނަށް ކެޔޮދޫ ދާއިރާގެ މެންބަރުގެ ސުވާލު ސާފުވެވަޑައިގެންނެވި ގޮތް ވިދާޅުވެދެއްވާފައެވެ. އެ ސުވާލަށްވެސް މިނިސްޓަރު ޖަވާބު ދެއްވަމުން ވިދާޅުވީ އެފަދަ ކަމެއް ފާހަގަވެފައި ނުވާ ކަމަށެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވުމުން ހިނިފުޅުވަޑުވަމުން ނަޝީދު ވިދާޅުވީ "އިއްޒަތްތެރި ވަޒީރަށް ފާހަގަވެފައެއް ނެތޭ ތި ވިދާޅުވީ މި ރާއްޖެއަށް ތަންތަނުން ހަރުކަށި ފިކުރުގެ ތައުލީމު ލިބިގެން މީހުން އަންނަކަމެއް،" މިހެނެވެ.

އެހިސާބުން ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ނިޒާމީ ނުކުތާއެއް ނެންގެވި އެވެ. ނިޒާމީ ނުކުތާ ފާހަގަ ކުރެއްވުމަށް ޝަރީފަށް ފުރުސަތު ދެއްވުމުގެ ކުރިން މިނިސްޓަރުގެ ޖަވާބާ ގުޅޭ ގޮތުން ރިޔާސަތުންް ނަޝީދު ވާހަކަ ދެއްކެވި އެވެ. ޝަރީފް ވިދާޅުވީ ހަރުކަށި ފިކުރުގެ ސަބަބުން ހިނގާ ކަންކަމުގެ ހަބަރު މީޑިއާގައި ފެތުރޭއިރު އަދި އެކަންކަމާ ބެހޭ ރިޕޯޓްތައް މަޖިލީހަށް ވެސް ލިބޭ އިރު އެކަން މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާތީ ސަމާލުކަމަށް ގެންނެވީ ކަމަށެވެ.

ޝަރީފްގެ ވާހަކަ ނިންމަވައިލެއްވުމާ އެކު ކޯފާ އިސްކުރައްވައި ނަޝީދު ވިދާޅުވީ ވަޒީރަށް މަޖިލީހުގައި އިތުރުފުޅު ނުހެއްދެވޭނެ ކަމަށެވެ.

"އިއްޔަތްތެރި ވަޒީރު މި މަޖިލީހުގައި އިތުރުފުޅެއް ނުހެއްދެވޭނެ އިނގޭތޯ؟" ނަޝީދު ވިދާޅުވިއެވެ. ނަޝީދުގެ އެވާހަކައަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު ދޮގު މައުލޫމާތު ދެއްވާފައި ނުވާނެ ކަމަށެވެ.