Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ހަނގުރާމައިން އަންނަ މީހުން ރީހެބިލިޓޭޓު ކުރާ ސެންޓަރުގެ މަސައްކަތް ފަށައިފި

ދިވެހި ހަނގުރާމަވެރިންތަކެއް --

ހަނގުރާމަތަކަށް ގޮސްފައި އަންނަ މީހުން ރިހިބިލިޓޭޓް ކުރާ ސެންޓަރު، (ޑީ-ރެޑިކަލައިޒޭޝަން އެންޑް ރީހެބިލިޓޭޝަން ސެންޓަރު) ކ. ހިންމަފުށީގައި ގާއިމްކުރަން ފަށައިފިއެވެ.

އެ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއާ ކޯޕަރޭޝަން (ޕޮލްކޯ) އާ ކަމަށެވެ. އެ މަސައްކަތް ފެށިތާ 50އަކަށް ދުވަސް މިހާރު ވަނީ ވެފައެވެ.

ސީރިއާގައި ހާލުގައި ޖެހިފައިވާ ދިވެހި އަންހެނުންނާއި ކުޑަކުދިން ރާއްޖެ ގެނެސް އެ މީހުން ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާމަކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާދިފަހުން ރައީސް ވިދާޅުވީ ސީރިއާގައި ހާލުގައި ޖެހިފައި ތިބި އަންހެނުންނާއި ކުޑަކުދިން އެހެން ގައުމަކަށް ގެންދިޔުމަށް ފަހު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް، އެ މީހުން އަނބުރާ ރާއްޖެ ގެނެސް މުޖުތަމައަށް ނެރުމުގެ ކުރިން އެ މީހުން ރިހިބިލިޓޭޓް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހޯމް މިނިސްޓްރީގެ ޕީއެސްޕީ ބަޖެޓްގައި ހިމަނައިގެން އެ ސެންޓަރު ހެދުމަށް އަންނަ އަހަރު 1.96 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ. އަދި 2021 ވަނަ އަހަރަށް ވެސް އިތުރު 500،000 ރުފިޔާ އެ ސެންޓަރަށް ހަރަދުވާނެ ކަމަށް ވެސް ބަޖެޓްގައި ވަނީ ލަފާކޮށްފަ އެވެ.