ކުރިއަށް އޮތީ ބޮޑު ޗުއްޓީ ކަމަށްވެފައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން ވަގުތު އޮއްވައި އަވަހަށް އެއާޕޯޓަށް ދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފިއެވެ.
އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދިގު ކިޔުތަކާއި ފްލައިޓު ޑިލޭތަކަށް ޖާގަ ނުދިނުމަށް އަވަހަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ދަތުރުތަކުގައި ފުރާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އަދި ޑޮމެސްޓިކް ދަތުރުތަކުގައި ދާ ފަސިންޖަރުން ފުރުމުގެ ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ. އަދި ބޮޑު ޗުއްޓީ ދިމާވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަ ދުވަސްވަރަކާއެވެ.