ޕްރޮސެކިއުޓަ ޖެނެރަލް އައިޝަތު ބިޝާމްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި ޖަވާބު ދާރީވާން ފުރުސަތު ދިނުމަށް ޖުޑިޝަރީ ކޮމިޓީއަށް ހާޒިރުވާން ނޯޓިސް ފޮނުވަން ފާސްކޮށްފިއެވެ.
ޕީޖީ ބިޝާމްއަށް ނޯޓިސް ފޮނުވަން ފާސްކުރީ މިއަދު ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޢުލަބިއްޔަތުންނެވެ. އެ ހުށަހެޅުމަށް ވޯޓު ނުދެއްވަނީ ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއެވެ. އިއްޔެ ބޭއްވި ޖުޑީޝަރީ ކޮމެޓީގައި ބިޝާމް މަގާމުން ވަކި ކުރުމަށް ނިންމުމަށް ހުށަހެޅި ވޯޓަށްވެސް ރިޒާ ވޯޓެއް ނުދެއްވައެވެ.
ޖުޑިޝަރީ ކޮމިޓީން އިއްޔެ ވަނީ ބިޝާމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައެވެ.
މަޖިލީހުގެ އާ ގަވާއިދު ބުނާގޮތުން މިނިވަން މުއައްސަސާއެއްގެ ބޭފުޅަކު މަގާމުން ވަކިކުރާނަމަ، އެކަން މަޖިލީހުުގެ ރައީސްގެ ސަމާލުކަމަށް ގެންނަވަން ޖެހެއެވެ. އެއަށްފަހު މަޖިލީހުގެ ރައއީސް އެކަން މަޖިލީހަށް އިއުލާން ކުރައްވަން ޖެހެއެވެ. އަދި އެއަށްފަހު އެ މައްސަލަ އަށް ކޮމިޓީގައި މަޝްވަރާކޮށް ނިންމާ ގޮތެއް މަޖިލީހުގެ ތަޅުމަށް ފޮނުވާނެ އެވެ.
ޕީޖީ ބިޝާމް އެ މަގާމުން ވަކިރުމަށް އިއްޔެ ހުށަހެޅީ މަތިވެރި ދާއިރާ މެމްބަރު ހުސައިން ޒަރީރެވެ. ޒަރީރު ހުށަހެޅުމަށް ތާއީދު ކުރެއްވީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންނެވެ. މި ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
ޕީޖީ ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށަން މީގެކުރިން ވެސް ޖުޑީޝަރީ ކޮމިޓީން ނިންމިއެވެ. ނަމަވެސް އެ ނިންމުމަށް 24 ގަޑިއިރު ނުވަނީސް ހަމަ އެ ކޮމިޓީން ވަނީ އެ ނިންމުން ބާތިލުކުރަން ފާސްކޮށްފައެވެ.
ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.
19 ވަނަ މަޖިލިސް ފެށުނުފަހުން މިނިވަން ބައެއް މުއައްސަސާތަކުގައި ތިއްބެވި އިސްވެރިން ވަކިކުރަން ކޮމިޓީތަކުން ފާސްކޮށްފައިވާއިރު ޕީޖީ ބިޝާމް މަގާމުން ވަކި ނުކުރާތީ ބައެއް އާއްމުން އަންނަނީ ސޯޝަލް މީޑިޔާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.