Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަރީފު ރިޓަޔާކޮށް ސްޕްރީމް ކޯޓުން ހިންގުން އަޒްމިރަލްދާއަށް

ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އާއި ހަވާލުކުރައްވައިފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނީ ސުޕްރީމް ކޯޓު ހިންގުން އަޒްމިރަލްދާ އާއި ހަވާލު ކުރެއްވީ އެކޯޓު ހިންގަން ހަވާލު ކުރައްވާފައިވާ ފަނޑިޔާރު އަބްދުﷲ އަރީފު ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު އަރީފު ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކާ ގުޅިގެންކަމަށެވެ. އަދި ފަނޑިޔާރު އަޒްމިރަލްދާ އާއި ކޯޓު ހިންގުން ހަވާލު ކުރެއްވީ ޖޭއެސްސީން މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން ސްޕްރީމް ކޯޓުގައި މިވަގުތު ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އަޒްމިރަލްދާ އަކީ އެންމެ ސީނިއާ ފަނޑިޔާރު ކަމަށްވުމުންނެވެ.

ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު އަރީފު އާއި ހަވާލުކޮށްފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ މައްސަލައެއް ޖޭއެސްސީން ބެލުމަށް ފަހު އެމަނިކުފާނު ސަސްޕެންޑު ކުރުމާއި ގުޅިގެންނެވެ.

ދާދި ފަހުން މަޖްލިސްއިން ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި އެކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މަގާމުން ވަކިކޮށްފައެވެ.

ފަނޑިޔާރު އަރީފު ރިޓަޔާ ކުރެއްްވި އިރު އެމަނިކުފާނާއި ގުޅޭ މައްސަލަތަކެއް ވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.