ޑރ. އަަފްރާޝީމް އަލީ މަރާލި މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައި، ޑރ. އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިކަމަށް ބުނެފައިވާ އެމްޑީޕީގެ އެކްޓިސްޓް ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ)ގެ ނަން ނުހިމަނައި، ރިޔާސީ ކޮމިޝަންގެ ރިޕޯޓްގެ ދިރާސާ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
ސަޓޯ އަކީ ޑރ. އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއްކަން ފުލުހުން ހިންފި ތަހުގީގުންނާއި ރިޔާސީ ކޮމިޝަންގެ ތަހުގީގުން ވަނީ އެނގިފައިވާއިރު ސަޓޯ އަކީ އެ ހަމަލާ ރާވައި ހިންގުމުގައިވެސް އިސްކޮށް އުޅުނު މީހެއްކަމަށް ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ދައުވާކޮށް މެރުމަށް ހުކުމް ކޮށްފައިވާ ހ. ލޮބީ ހުސައިން ހުމާމް ފުލުހުންނަށް ދީފައިވާ ބަޔާނުގައިވެސް ސަޓޯގެ ވާހަކަ ބަޔާންކޮށްފައިވެއެވެ.
މަރު ކޮމިޝަންގެ އެ ރިޕޯޓު މިދިޔަ އާދިއްތަ ދުވަހު ރައީސް އޮފީހުން އާންމު ކުރިއިރު، ސަޓޯ އަދާކުދަމުންދިޔަ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ލިމިޓެޑް (ޖީއެމްއައިޒެޑްއެލް)ގެ ވަޒީފާއިން އޭނާ ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ. އޭނާއަށް އެ ރިޕޯޓުގައި ކުރަމުން ގެންދާ ތުހުމަތުތަކަށް ސަޓޯ ވަނީ އޭނާގެ ޓްވީޓާގައި އެކަން ދޮގުކޮށްފައެވެ.
ރައީސް އޮފީހުން މަރު ކޮމިޝަންގެ ރިޕޯޓު އާއްމު ކުރުމާއި އެކު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ވަނީ މި މައްސަލަ ދިރާސާ ކުރަން ފަށާފައެވެ. އަދި ދިރާސާ ކުރުމުގެ ގޮތުން މައި ކޮމެޓީން ތިން މެންބަރުން ހިމެނޭ ސަބް ކޮމެޓީއެއް ވަނީ އެކުލަވާލައިފައެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
ސަބް ކޮމެޓީން ވަނީ ސަޓޯގެ ނަން އުނި ކުރުމަށްފަހު ފައިސާގެ މުއަމާލާތްތައް ހިންގިކަމަށް ބުނާ މީހުންގެ ލިސްޓަށް އެމްޑީޕީ އެކްޓިވިސްޓް އަދި މި ސަރުކާރުގައި ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުރި، އަލީ ހާޝީމް (ސްމިތް)ގެ ނަން އިތުރުކޮށްފައެވެ. ސްމިތަކީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު ފުލުހުން ހައްޔަރުކުރި މީހެކެވެ. ނަމަވެސް ފަހުން ސްމިތު ވަނީ ދޫކޮށްލާފައެވެ.
ސްމިތުގެ އިތުރުން ފައިސާގެ މުއާމަލާތް ހިންގި މީހުންގެ ލިސްޓަށްހުޅުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު މޫސާ މަނިކު (ރީކޯ މޫސާ)ގެ ދަނބިދަރި، މ.ޖަރީމާގެ، އަބްދުﷲ ޖާވިދު (ޖާ) އާއި މަރު ކޮމިޝަންގެ ރިޕޯޓުގައި ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ މޭސްތިރިއަކަށް އުޅުނު ހ. ހިލްޓަން އަޒްލީފް ރައޫފް އަދި އެ މަރުގައި އަމަލީ ގޮތުން ބައިވެރިވި، ހ. ލޮބީ ހުސައިން ހުމާމްގެ ނަން ހިމަނާފައިވެއެވެ.
ސަބް ކޮމެޓީގެ މަސައްކަތް ސިއްރު ކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު އިއްޔެ ވަނީ މައި ކޮމެޓީއަށް ސަބް ކޮމެޓީގެ ރިޕޯޓު ހުށަހަޅާފައެވެ. އެ ރިޕޯޓުގައި ސަބް ކޮމެޓީގެ މުގައްރިރު އަދި ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު ސޮއިކޮށްފައިވެއެވެ. އެހެންނަމަވެސް އެ ކޮމެޓީގެ ހާޒިރީއެއް ފެންނާކަށް ނެތެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް "ސީއެންއެމް"އަށް ވިދާޅުވީ ސަބް ކޮމެޓީގެ ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިނުގަންނަވާ ކަމަށެވެ. އަދި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މަުހައްމަދު ލަތީފުވެސް ވަނީ އޭނާ އެ ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.