ހެންވޭރުގައި ހަދަމުންދާ އިމާރާތަކުން ބިދޭސީއަކު ވެއްޓިއްޖެ އެވެ.
ފުލުހުން ބުނީ ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ ފުރަތަމަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު މިއަދު 11:30 އެހާކަށްހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. ފުލުހުން ބުނީ ވެއްޓުނު ބިދޭސީ މީހާ އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އައިޖީއެމްއެޗްއާ ހަވާލާދީ ފުލުހުން ބުނީ އެމީހާގެ ހާލު ރަނގަޅު ކަމަށެވެ. ފުލުހުން ބުނީ އެމީހާއަކީ އިމިގްރޭޝަން ގާނޫނާއި ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށެވެ.
އިއްޔެވެސް މާލޭގެ ގެއެއްގެ މަތިން ކުއްޖަކު ވަނީ ވެއްޓިފައެވެ. ފަސް އަހަރުގެ އެ ކުއްޖާ ވެއްޓުނީ ހަތަރުވަނަ ފަންގިފިލާއިންނެވެ.
މިދިޔަ ޑިސެމްބަރު މާލޭގެ ހަދަމުންދިޔަ އިމާރާތަކުން ސިމެންތު ބަސްތާއެއް ވެއްޓިގެން ކުޑަ އަންހެން ކުއްޖަކު ނިޔާވެފައިވާއިރު އިމާރާތް ކުރާއިރު ރައްކާތެރިވުމަށް ބޭނުންވާ އާލާތްތައް ބޭނުން ކުރުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.