Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

"ބޯގަންވިލާ"ގެ ނަމުގައި އައު ގައުމެއް އުފެދެނީ

ބޯގަންވިލާގެ ރައްޔިތުންތަކެއް --

އަންނަ ހޮނިހިރު ދުވަހަކީ ޕަޕުއާ ނިއުގިނީގެ ޕްރޮވިންސެއް ގޮތުގައި އޮންނަ ބޯގަންވިލާގެ ރައްޔިތުންނަށް ހާއްސަ ދުވަހެކެވެ. ސަބަބަކީ ވަކި އިދާރީ ދާއިރާއެއްގެ ގޮތުގައި އޮންނާނީ ތޯ ނުވަތަ މިނިވަން ގައުމަކަށް ވާނީ ތޯ ކަނޑައަޅަން ބޯގަންވިލާގެ ރައްޔިތުން ވޯޓު ދޭނެތީއެވެ.

ބޯގަންވިލާގެ ރައްޔިތުންނަކީ 1975 ވަނަ އަހަރު ޕަޕުއާ ނިއު ގިނީއަށް މިނިވަންކަން ލިބުމުން ޕްރޮވިންސެއްގެ ގޮތުގައި ކަނޑައެޅި ސަރަހައްދެވެ. އެހެންނަމަވެސް މި ޕްރޮވިންސުގެ ރައްޔިތުން ބޯގަންވިލާއަށް ގައުމެއްގެ ދަރަޖަ ދިނުމަށް ވަނީ މާކުރިންސުރެވެސް މަސައްކަތް ފަށާފައެވެ. އެހެންނަމަވެސް އޭރު ކަމާބެހޭ ފަރާތްތަކުން އެކަން ބަލައި ނުގަތީއެވެ.

ވަކިވެފައިވާ މިނިވަން ގައުމެއްގެ ދަރަޖަ ހޯދުމަށް ބޯގަންވިލާގެ ރަށްވެހިން ވޯޓުލާނީ މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ފެންނަ ނުފެންނަ ވޯޓުގެ އިންތިހާބީ ކޮމިޝަންގައި އިސްކޮށް ހުންނަވަނީ އަޔަލަންޑްގެ ކުރީގެ ބޮޑު ވަޒީރެކެވެ. ބޯގަންވިލާއަށް ވަކި ގައުމެއްގެ ދަރަޖަ ލިބިގެން ގޮސްފި ކަމަށްވާނަމަ އެ ގައުމު ވެގެންދާނީ ދުނިޔޭގެ އެންމެ ކުޑަ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާނެ ގައުމެކެވެ. އާބާދީއަކީ އަހަރެމެން ރާއްޖެއަށްވުރެވެސް ކުޑަކުޑަ އާބާދީއެކެވެ.

ދުނިޔޭގެ އެކި ގައުމުތަކުންވެސް ބޯގަންވިލާއަކީ ދުނިޔޭގެ މިނިވަން ގައުމެއްގެ ދަރަޖަ ލިބިފައިވާ ގައުމަކަށް ހެދުމަށް ގިނަ އެހީތަކެއް އަންނަނީ ވަމުންނެވެ. ލޮއެގެ މުއްސަނދިކަން ލިބިފައިވާ ބޯގަންވިލާ ވަނީ ހަނގުރާމައިގެ ސަބަބުން މައިން ކުރުމުގެ ސިނާއަތް ވަރަށް ބޮޑަށް އިނދަޖެހިފައެވެ. މިނިވަން ގައުމެއްގެ ދަރަޖަ ލިބުނު ނަމަވެސް ނިވަން ގައުމަކަށް ލިބިދޭ ހުރިހާ އިމްތިޔާޒަކާ ބާރެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒު ކުރުމަށް ބޯގަންވިލާއަށް އަދި އަހަރުތަކެއް ބޭނުންވާނެއެވެ.