މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީންތަކެއް ބަނގުރާ ތައްޔާރުކުރުމަށް ކައްކަމުން ދަނިކޮށް، އެ ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ބުނި ގޮތުގައި ބިދޭސީންތަކެއް ދިރިއުޅެމުން ދާ މއ. ފަސްތަރިގެއިން މިއަދު ހެނދުނު 9:45 އެހާއިރު ދުން އަރަމުން ދާތީ، އެކަން އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއުއަށް ރިޕޯޓްކުރި އެވެ. އަދި އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ބިދޭސީންތަކެއް ބަނގުރާ ކައްކަމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބަނގުރާ ކައްކަން ތިބި ތިން ބިދޭސީން އަލިފާން ހިފުމާ އެކު އެތަނުން ފިލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެތިން މީހުން ފިލަން ދުވަނިކޮށް ފުލުހުން ވަނީ އެ މީހުން އަތުލައިގެންފައެވެ. އެމްއެންޑީއެފްއިން މީޑިއާތަކާއި ހިއްސާކުރި ފޮޓޯތަކުގައި ފެންނަ ގޮތުގައި ބަނގުރާ ކައްކަން ތިބީ ފާހާނާއެއް ތެރޭގައެވެ.
ފުލުހުން ބުނީ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.