ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ރައީސާއި ނައިބު ރައީސްގެ މަގާމުގެ އިންތިހާބުގެ ވޯޓުލުން ފަށައިފިއެވެ.
ރައީސް ކަމަށް ކުރިމަތިލައްވާފައިވަނީ އެ ޕާޓީގެ މިހާރުވެސް ރައީސް މުހައްމަދު ނަޝީދެވެ. ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ އިންތިޚާބާ ކޮމެޓީގެ މުގައްރިރް މުހައްމަދު އިބްރާހިމް މަނިކު ވިދާޅުވީ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު މެންދުރު 2 އިން ހަވީރު 6 ޖެހުމާ ހަމައަށް ކަމަށެވެ.
އެގޮތުން މާލޭގެ ރައްޔިތުން ވޯޓުލާނީ އިސްކަންދަރު ސްކޫލްގައި ބެހެއްޓިފައި ހުންނަ ވޯޓު ފޮއްޓަށް ކަމަށްވާއިރު، މާލޭގައި ތިބި އައްޑޫ އަދި ފުވައްމުލަކު ސިޓީގެ އެމްޑީޕީ މެމްބަރުން ވޯޓުލުމަށް ހަމަޖެހިފައިވަނީ އެމްޑީޕީ ހަރުގޭގައި ހުންނަ ވޯޓު ފޮއްޓަށެވެ.
ހުޅުމާލޭގައި ބަހައްޓާ ވޯޓު ފޮށީ ގާޒީ ސްކޫލްގައި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ވިލިމާލޭގައި ވޯޓު ފޮށި ހުންނާނީ ވިލިމާލޭ އެމްޑީޕީ ހަރުގޭގައެވެ. ރަށްތަކުގައި އުޅުއްވާ އެމްޑީޕީގެ މެމްބަރުން ވޯޓުލާނީ އެ ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ހުންނަ ވޯޓު ފޮށްޓަށެވެ.
މީގެއިތުރުން މި އިންތިހާބުގެ ވޯޓުލުން ސްރީލަންކާގައި ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އިންތިހާބުގައި 87439 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.