Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ޑީއާރްޕީގެ އެސްޖީއަކަށް ޖާބިރުގެ ދަރިކަނބަލުން ހަމަޖައްސައިފި

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ދަރިކަނބަލުން އާމިނަތު ޖާބިރު ހަމަޖައްސައިފިއެވެ.

ޑީއާރްޕީން ބުނީ އެ މަގާމަށް އެކަމަނާ ހަމަޖެއްސެވީ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. ޑީއާރްޕީގެ އެސްޖީގެ މަގާމުގައި މީގެކުރިން ހުންނެވީ ނަހުލާ އަލީއެވެ. އޭނާ ވަނީ އެޕާޓީން ވަކިވެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިވަޑައިގެންފައެވެ.

ޑީއާރްޕީން ވަނީ ދާދިފަހުން އިތުރު އެސްޖީއަކާއި އެޕާޓީއަށް އައު ނާއިބެއްވެސް ހަމަޖައްސާފައެވެ. އެޕާޓީގެ އައު ނާއިބު ލީޑަރަކީ ޖާބިރުގެ ކޮއްކޯފުޅު ހ. ތިމާވެށި، އިބްރާހީމް ޝިހާމެވެ. އެސްޖީގެ މަގާމަށް ހަމަޖައްސާފައިވަނީ ގއ. ކޮލަމާފުށި އޯޝަންރީޑް، އަބުދުﷲ އަފީފެވެ.

ޖާބިރު ޑީއާރްޕީގެ ލީޑަރުގެ މަގާމާ މިދިޔަ ޖުލައި މަހުގެ 23ވަނަ ދުވަހު ހަވާލުވެވަޑައިގެންފަހުން ވަނީ އެޕާޓީއަށް ގިނަ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެޕާޓީއަށް 3000 މެންބަރުން ހަމަކޮށް، އިތުރު މެންބަރުން އަދިވެސް ޕާޓީއަށް ވެއްދުމުގެ މަސައްކަތް ޖާބިރުގެ ލީޑާޝިޕުގެ ދަށުން އަންނަނީ ކުރައްވަމުންނެވެ.

މީގެއިތުރުން އެޕާޓީން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެޕާޓީގެ 193ވަނަ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުން ޑީއާރްޕީގެ ކޮންގްރެސް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 އަދި 29ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޑީއާރްޕީގެ ކޮންގްރެސް އޮންނާނީ ކާށިދޫ ދާއިރާގައި ކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.