އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމްރާ އަށް ވަަޑައިގަތުމަށް ސައުދީން ވިސާ ނުލިބިގެން އުޅެނިކޮށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ސަޢޫދީ ޢަރަބިޔާ އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި، އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިން ބައިވެރިވެ ވަޑައިގަންނަވަ އެވެ.
އެމްޑީޕީން ބުނީ ނަޝީދު ގެ އުމުރާ ދަތުރުފުޅަށް ބައެއް ސިޔާސީ ފަރާތްތަކުން ހުރަސް އަޅަން މަސައްކަތްކޮށް، އެފަދަ ނޭއްގާނި އަމަލު ހުއްޓާލުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ރައިސް ނަޝީދުގެ ގެ ސައޫދީ ދަތުރުފުޅުގެ އުމްރާ ވިސާ ފޯމަލިޓީސް ސައުދީ ރޯޔަލް ޕްރޮޓޮކޯލްގެ ތެރެއިން ދުވަސް ކޮޅެއް ނަގާނެ ކަމަށްވަނީ. ވިސާ ފޯމަލިޓީސް ހަނމަޖެހުނުހާ އަވަހަކަށް ރައިސްގެ ސައުދީ ދަތުރުފުޅު ކުރިޔަށް ގެންދަވާ ގޮތަށް ވަނީ ހަނމަޖެހިފައި،" ނަޝީދުގެ ތަރުޖަމާން މައްޗަންގޯޅީ އުތުރު ދާއިރާގެ އިއްޒަތްތެރި މެމްމަބަރު މާރިޔާ ދީދީ ވިދާޅުވި އެވެ.
"ރައީސްގެ އުމްރާ ދަތުރުފުޅަށް ހުރަސް އެޅޭތޯ ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރާ ވާހަކަތައް އިވެމުންދާތީ އެކަމާ ރައީސް ވަރަށް ހިތާމަ ކުރައްވާ. އެއް މުސްލިމަކު އަނެއް މުސްލިމެއްގެ އަޅުކަމަށް ހުރަސް އަޅަން މަސައްކަތް ކުރުމީ އެއް ގޮތަކަށް ވެސް ކޮށްގެން ވަނޭ ކަމެއްނޫން. އަދި މިފަދަ ގޯނާ ކުރުން ހުއްޓާލުމަށް އަޅުގަޑުމެން އިލްތިމާސް ކުރަން."