އުމުރުން 13 އަހަރުގެ ކުޑަކުއްޖަކު ބަލިވެ އިން މައްސަލާގައި އިހުމާލުވި އިދާރާތަކާއި މީހުންނަށް ހައްގު އަދަބު ދިނުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 13 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ނާޖާއިޒު ބޭނުން ހިފާ ޖިންސީ ގޯނާކޮށް އޭގެ ނަތީޖާއިން އެކުއްޖާ ބަލިވެ އިނދެ އެކުއްޖާއަށް ދިން އަނިޔާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި މިކަމުގައި އިހުމާލު އިދާރާތަކާއި ހިތްވަރުދިން ފަރާތްތަކަށް އަދަބު ލިބެންޖެހޭ ކަމަށެވެ.
ފުލުހުން ބުނީ ރާއްޖޭގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކު ބަނޑުބޮޑުވި މައްސަލައެއް ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވާއިރު، ބެެލެވޭ ގޮތުގައި މިއީ ހުކުރު ވިލޭރޭ ކަނޑަށް އެއްލާލި ރ.މަޑުއްވަރީ އުމުރުން 26 އަހަރުގެ ޒުވާނާ ކައިވެނިކޮށްގެން އުޅޭ އުމުރުން 13 އަހަރުގެ ކުއްޖާއާ ގުޅުންހުރި މައްސަލައެކެވެ. އެ ކުއްޖާ މިފަހުން ބަލިވެ އިންއިރު އެ މައްސަލަ ޖެންޑާއިން ބެލި ކަމަށް ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެކަމާ ގުޅިގެން ޖެންޑަރ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކުޑަ ކުއްޖަކު ބަލިވެއިންކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން މިނިސްޓްރީން ފުރިހަމަ ކުރަންޖެހޭ އިޖުރާޢަތްތައް ވަގުތުން ފުރިހަމަކުރި ކަމަށެވެ.
އަދި ތުހުމަތުކުރެވޭ ބޮޑެތި މީހުންނާމެދު ފިޔަވަޅު އަޅައިދިނުމަށް ތަޙުޤީޤީ އިދާރާއަށް ރަސްމީކޮށް އެދިފައިވާކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.