ފިރިހެނުން ހެނދުން އަޅާ ގޮތަށް ހެދުން އަޅާ ކަމަށްބުނެ އައިމިނަތު އީނާސްއަށް ސޯޝަލް މީޑިއާގައި ފުރައްސާރަ ކުރަމުންދާތީ އެކަން ފުލުހުން ބަލަން ފަށައިފިއެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާން، ޗީފް އިންސްޕެކްޓަރާ އޮފް ޕޮލިސް އިޒްމިޔާ ޒާހިރު ވިދާޅުވީ އީނާސްއަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ގެންދާ ކަމަށެވެ.
އީނަސްއަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ފުރައްސާރަކުރިއިރު ރޭގެ ވަގުތެއްގައި ބަޔަކު މީހުން އޭނާ މީގެކުރިން މަސައްކަތް ކޮށްފައިވާ މެރާކީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑު ގާގަނޑަކުން ޖަހާ ތަޅާލައިފައެވެ. އަދި ބިއްލޫރިގަނޑު ތަޅައިލުމަށް އެއްލި ގާގަނޑާއެކު އިންޒާރުގެ ކަރުދާސް ކޮޅެއް ވެސް އޮތެވެ. ކަރުދާސް ކޮޅުގައި ލިޔެފައި ވަނީ "އަންހެން **** ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ،" މިހެންނެވެ.
އީނާސް ހެދުން އަޅާ ގޮތުން ސޯޝަލް މީޑިއާގައި ބައެއް މީހުން އޭނާއަށް ފުރައްސާރަ ކުރަމުންދާތީ އީނާސް ވަނީ އޭނާ ހެދުން އަޅާ ގޮތަކީ ކަމުދާ ގޮތެއް ކަމަށްވާ ނަމަ SuitsMe# (ސޫޓްސްމީ) މިހެން ޖެހުމަށްފަހު ޓްވީޓާގައި ފޮޓޯއެއް ޕޯސްޓު ކުރުމަށް އެދި ބޮޑު ކެމްޕެއިނެއް ފަށާފައެވެ. މި ކެމްޕެއިންގައި ސަރުކާރު ކުންފުނިތަކުގެ އިސްވެރިންނާއި ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ އަންހެން މެންބަރުން ވަނީ ބައިވެރިވެ ކޯޓު ފަޓުލޫނު ލުމަށްފަހު ފޮޓޯއެއް SuitsMe# ޖެހުމަށްފަހު ޕޯސްޓު ކޮށްފައެވެ.