ށ. މާއުނގޫދޫއަށް ބަޔަކު އަރައި އެރަށުގެ ފާރުތަކުގައި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ދިދަ ފާރުތަކުގައި ކުރެހި މައްސަލަ ތަހުގީގު ކުރަން، ފުލުހުންގެ ޓީމެއް އެ ރަށަށް ހިނގައްޖެއެވެ.
ފުލުހުން ބުނީ، ށ. މާއުނގޫދޫއަށް އައިސްގެ ދިދަ ނަގައިގެން ދޯންޏެއްގައި ދިޔަ ބަޔަކު އެރަށަށް އެރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެރަށުގެ ބައެއް ފާރުތަކުގައި އައިއެސް ލޯގޯ ރަމްޒުވާ ގޮތަށް ސްޕްރޭ ކޮށްފައި ހުރި މައްސަލައެއް ބަލަމުން ދާ ކަމަށެވެ.
މާއުނގޫދޫ ކައުންސިލުން ބުނާ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރުމަށް އެ އަތޮޅު ފުނަދޫ ޕޮލިސް ސްޓޭޝަންގައި ތިބޭ ފުލުހުންގެ ޓީމެއް އެ ރަށަށް އައީ މިއަދު ހެނދުނެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް އެ ކައުންސިލަކުން މައުލޫމާތެއް ނުދެއެވެ.
މާއުނގޫދޫ ކައުންސިލުން ރޭ ބުނެފައިވާ ގޮތުގައި، ސްޕްރޭ ބޭނުންކޮށްގެން އެ ރަށުގެ އެކި ފާރުތަކުގައި އައިއެސްގެ ދިދަ ކުރެހީ އެ ރަށަށް އައި މަސްވެރިކަން ކުރާ ދޯންޏެއްގައި ތިބި ބަޔަކު ރަށަށް އަރާ ކަމަށެވެ. ރަށުން ބޭރު ދެ ދޯންޏެއް އިއްޔެ އެ ރަށަށް އައި އިރު، އެކަން ކޮށްފައި ވަނީ އެތަނުން ކޮންމެވެސް އެއް ދޯންޏަކުން އައި ބައެއް ކަމަށް ބެލެވޭ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ. އަދި ވިދާޅުވީ އެ މީހުން އެކަން ކުރުމަށް ބޭނުންވާ ސްޕްރޭ ފަދަ ސާމާނު ގަނެފައި ވަނީ ރަށުގެ ފިހާރައަކުން ކަމަށެވެ.