އޮރިޔާންކާޑު ބޭނުންކޮށްގެން ބްލެކްމެއިލްގެ ޝިކާރައަކަށްވާ މީހުންގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅޭއިރު މަގާމުތަކުގައި ތިބޭ މީހުން ހިމެނޭ ކަމަށް ފުލުހުން ބުނެފިއެވެ.
އަންހެނުނަށް ކުރާ އަނިޔާތަކުގެ މައްސަލާގައި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ އަންހެނުންނަށް ކުރަމުންދާ އަނިޔާތައް ޒަމާނުއްސުރެން ހިނގަމުންދާ ކަމަށެވެ. އެހެންނަމަވެސް އަނިޔާ ތަހަންމަލު ކުރާ ގިނަ އަންހެނުން އެކަން ސިއްރު ކުރާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ. އިޒްމިއާ ވިދާޅުވީ އެ ވާހަކަތައް އާންމު ކުރުމުން މުޖުތަމައު އެ މީހުންނާއި މެދު އަމަލު ކުރާ ގޮތުން އެތަށް ދަތިތަކާ އެފަދަ ކަންކަން ތަހައްމަލު ކުރާ މީހުންނަށް ކުރިމަތިލާން ޖެހޭ ކަމަށެވެ.
އެގޮތުން އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލަތަކަކީ ފުލުހުންނަށް ހުށަހެޅޭ "ސީރިޔަސް މައްސަލައެއް" ކަމަށް އިޒްމިއާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެކަމުގެ ޝިކާރައަކަށް އެކި އުމުރު ފުރައިގެ އަންހެނުންނާއި މަތީ ތައުލީމް ހާސިލްކޮށްފައިވާ އަންހެނުންނާއި އެކި މަގާމްތަކުގައި މަސައްކަތް ކުރާ އަންހެނުންނާއި ހުރިހާ ގިންތިއެއްގެ އަންހެނުން ވެސް ހިމެނޭ ކަން އިޒްމިއާ ފާހަގަ ކުރެއްވިއެވެ.
އިޒްމިއާ ވަނީ ބްލެކްމެއިލް ކުރާ ނަމަ ހިތްވަރު ކުރުމަށްފަހު އެކަން ފުލުހުންނަށް ރިޕޯޓު ކުރުމަށް ހުރިހާ އަންހެން ކަނބަލުންނަށް އިލްތިމާސް ކުރައްވާފައެވެ. އަދި އެކަންކަމުގެ ޝިކާރައަކަށް ވެފައިތިބޭ މީހުންނަށް ފުލުހުން އެހީތެރިވާނެ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
އަންހެނުންނަށް ކުރާ އަނިޔާތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނުންނަށް ކުރާ އަނިޔާތަކަކީވެސް މިފަހަކަށް އައިސް ފުލުހުންނަށް ހުށަހެޅޭ މައްސަލައެއް ކަމަށް އިޒްމިއާ ވިދާޅުވިއެވެ. އެގޮތުން އެ މީހެއްގެ ހުންނަ ނުކުޅެދުންތެރިކަމާ ހެދި އެ މީހެއްގެ ބޭނުން ހިފައި ކައިވެނީގެ ބޭރުން ބަލިވެ އިންނަ ކަމަށް އިޒްމިއާ ފާހަގަކުރެއްވިއެވެ. ނަމަވެސް އެފަދަ މައްސަލަތައް ހުށަހަޅާލެއް މަދުވަނީ ގިނަ ފުލުހުންނަށް އިޝާރާތުގެ ބަހުން ވާހަކަ ދައްކެމުގެ ހުނަރު ލިބިފައި ނުވާތީ ކަމަށް ބެލެވޭ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.