ބަލިވެ އިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖާއަކީ އެއްވެސް މީހަކާއި ކައިވެނީގެ ގޮތުން ގުޅިފައިވާ ކުއްޖެއް ނޫން ކަމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.
ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ބަލިވެ އިން 13 އަހަރުގެ އަންހެން ކުއްޖާގެ މައްސަލައަކީ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށެވެ. އަދި މިހާތަނަށް ތަހުގީގަށް ހޯދިފައިވާ މައުލޫމާތުތަކަށް ބަލާއިރު ކައިވެނީގެ ނަމުގައި އެއްވެސް ފަރާތަކާއި މި މައްސަލާގައި ހިމެނޭ ކުއްޖާ ގުޅިފައިވާކަން އެނގެން ނެތް ކަމަށެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މިފަދަ ކުޑަކުދިންނާއި ގުޅުންހުރި މައްސަލަތަކުގެ މައުލޫމާތު އާއްމު ކުރުމުގައި އެ މައްސަލަތަކުގައި ހިމެނޭ ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތަށް ރިއާޔަތް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. ފުލުހުންނާއި ޖެންޑާއިން މިފަދައިން ބުނެފައި މިވަނީ ބައެއް މީޑިއާތަކުގައި ބަލިވެ އިން 13 އަހަރުގެ ކުއްޖާ އުޅެނީ ދީނީ ގޮތުން ހަރުކަށި ފިކުރަށް ނިސްބަތްވާ މީހަކާއި ކައިވެނި ކޮށްގެން ކަމަށް ބުނެފައިވާތީ ކަމަށް ބެލެވެއެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ އެއް އާއިލާއަކަށް ނިސަބަތްވާ ކުޑަކުދިންތަކަކަށް ލިބެންވާ ތައުލީމާ ސިއްހީ ހައްގުތަކުން މަހްރޫމު ކޮށްފައިވާ ކަމުގެ މައުލޫމާތު މިދިޔަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ފުލުހުންގެ އިންޓަލިޖެންސަށް ލިބިފައިވާ ކަމަށެވެ. އޭގެފަހުން ފުލުހުންނާއި ޖެންޑާއިން ގުޅިގެން އެ މައްސަލަ ތަހުގީގުކޮށް ގާތުން ބަލަމުން އަންނަ ކަމަށް ނޫސްބަޔާނުގައިވެއެވެ. އަދި އެ މައްސަލާގައި ހިމެނޭ އާއިލާއަކީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ އާއިލާއެއްކަން އެނގިފައިވާ ކަމަށްވެސް ފުލުހުންނާއި ޖެންޑާ ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުންނާއި ޖެންޑާއިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައވަނީ އެކަމުގެ ސަބަބުން އެ އާއިލާއަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތައުލީމު ލިބުމުގެ ފުރުސަތު ފަހިކޮށްދިނުމާއި ސިއްހީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ހައްގުން މަހުރޫމުވެފައިވާކަން ފާހަގަކުރެވި އެކަންކަން ހައްލުކޮށް ކުދިންނަށް ފޯރުކޮށްދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރު ކަމާ ގުޅުންހުރި މުއައްސަސާތަކުން ކުރަމުންދާ ކަމަށެވެ.
އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުމާއި އެކަމުގެ ސަބަބުން ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބި ކުޑަކުދިން ކުށުގެ ޝިކާރައަކަށް ވެގެން ދިއުމަކީ ސަރުކާރުން އަޅާނުލާ ދޫކޮށްލާނެ މައްސަލައެއް ނޫން ކަމަށްވެސް މި ނޫސްބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ މައްސަލަތަކުގެ ޝިކާއަރަކަށްވާ ކުދިންނަށް އެކަށީގެންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމާއި އެފަދަ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް އަޅަންވާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަންވެސް ޖެންޑާއާ ފުލުހުން ގުޅިގެން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ ދީފައެވެ.