ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާކޮށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމެޓީން ފާސްކުރި ރިޕޯޓު މަޖިލީހުގެ ތަޅުމަށް އެޖެންޑާކޮށްފިއެވެ.
މަރު ކޮމިޝަނުގެ ރިޕޯޓް ދިރާސާކޮށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އިން އެކުލަވާލި ރިޕޯޓް އެޖެންޑާކޮށްފައި ވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާއަށެވެ.
ރައީސް އޮފީހުން މަރު ކޮމިޝަންގެ ރިޕޯޓު އާއްމު ކުރުމާއި އެކު މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީން ވަނީ މި މައްސަލަ ދިރާސާ ކުރަން ފަށާފައެވެ. އަދި ދިރާސާ ކުރުމުގެ ގޮތުން މައި ކޮމެޓީން ތިން މެންބަރުން ހިމެނޭ ސަބް ކޮމެޓީއެއް ވަނީ އެކުލަވާލައިފައެވެ. ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ، ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފާއި މަޑުއްވަރީ ދާއިރާ މެމްބަރު އާދަމް ޝަރީފު އުމަރު އަދި ފަރެސްމާތޮޑާ ދާއިރާ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.
ސަބް ކޮމެޓީގެ ރިޕޯޓު އެކުލަވާލިއިރު މަރު ކޮމިޝަންގެ ރިޕޯޓުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށްބުނާ ހ. ހިކޯސްޓު، އަލީ ޝާން (ސަޓޯ)ގެ ނަން ވަނީ އުނިކޮށްފައެވެ. އަދި އެ ނަން އުނި ކުރުމަށްފަހު މަރު ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެސް ނުވާ ނަމެއް ކަމަށްވާ އަދި މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު)ގެ ނަން ވަނީ ހިމަނާފައެވެ. އޭނާގެ ނަން ހިމެނޭ ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމުގެ މައްސަލަ އެނގި ހުރެމެ ސިއްރު ކުރި މީހުންގެ ތެރޭގައެވެ. ނަމަވެސް މައި ކޮމެޓީން ސަބް ކޮމެޓީގެ ރިޕޯޓު ފާސްކުރިއިރު ވަނީ ސަޓޯގެ ނަން ހިމަނާފައެވެ.